މައުމޫން ޕާޓީ އުފައްދަނީ ވަކި ބަޔަކު މަގާމުތަކަށް އިންތިހާބު ނުވުމުން: ތަސްމީން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ޕާޓީއެއް އުފައްދަވަނީ ޑީއާރުޕީގެ އެތެރޭގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެފައިވާތީ ނޫން ކަމަށާއި އާ ޕާޓީ އާ ހިސާބަށް ދިޔައީ، މިދިޔަ އަހަރު ބޭއްވި ކޮންގްރެސްގައި ވަކި ބަޔަކު އިސް މަގާމުތަކަށް އިންތިހާބު ނުވުމުން ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު މައުމޫން ޑީއާރުޕީން ވަކިވެ ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު ތަސްމީން ވިދާޅުވީ ޕާޓީގެ އިސް މަގާމުތަކަށް މައުމޫނަށް ތާއީދު ކުރައްވާ ބައެއް ފަރާތްތައް އިންތިހާބު ނުވުމުން، "ޕާޓީ އަށް ކޮންމެ ގެއްލުމެއް ލިބުނު ކަމުގައި ވިޔަސް" އެ މީހުން މަސައްކަތް ކުރަމުން ދިޔައީ ޑީއާރުޕީގެ މިހާރުގެ ލީޑަޝިޕްގެ އަގު ވައްޓާލުމަށް ކަމަށެވެ.
"އެހެން ކުރި މަސައްކަތުން ވެސް ޑީއާރުޕީގެ އެކި ގުނަވަންތަކުގެ މައްޗަށް މި ދެންނެވި ބޭފުޅުންނަށް ބާރު ނުފޯރުވީމަ އެކަމުގައި ވެސް އެ ބޭފުޅުން ފޭލްވީމަ އޭ މިއަދު އާ ޕާޓީއެއް އުފައްދަވަން ނިންމަވައިގެން އެކަމާ ކުރިއަށް އެ ވަޑައިގަންނަވަނީ،" ޑީއާރުޕީ އާއެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގެ އިސް ބޭފުޅުންނާއި ޑީއާރުޕީގެ ޕާލަމެންޓްރީ މެމްބަރުންނާއި ކައުންސިލް މެމްބަރުންނާ އެކު ދިޓީވީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އޭނާ އާ ގުޅޭ ގޮތުން މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ. އަދި އާ ޕާޓީ އުފައްދަވާނީ ޑިމޮކްރެޓިކް އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މައުމޫން ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގައި ތިބެގެން، އަޅުގަނޑުމެންގެ ދުސްތޫރަށް އެއްވެސް ކަހަލަ އިހުތިރާމެއް ނުކޮށް، ހިތުހުރި ގޮތަށް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް، ޕާޓީތަކުގެ ގުނަވަންތަކުގެ ނިންމުންތަކާ ހިލާފަށް މަސައްކަތްކުރި ބަޔަކަށް، އަޅުގަނޑު ދަންނަވާނީ ހަގީގަތުގައި އަޅުގަނޑުމެންގެ ސިޔާސީ ހަތުރުވެރިންނަށް ވުރެ ނުބައިކޮށް، ޕާޓީ އަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރި ބަޔަކަށް އަދި ވަކި ބަޔަކު، ވަކި ފަރާތަކުން، ވަކި މީހަކު އަންގަވާ ގޮތެއްގެ މަތިން ކަންތައްތައް ކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ބަޔަކަށް މިއަދު އެ ބޭފުޅުން ނުކުމެވަޑައިގެން، ވަކި ލޭބަލެއް ޖައްސަވައިގެން މިއީ ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއެއްގެ ނަމޫނާއޭ ބުނުމުން އެކަން ބަލައިގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތޭ،" ތަސްމީން ވިދާޅުވި އެވެ.
އާ ޕާޓީ އާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ ތަސްމީން ވިދާޅުވީ މިދިޔަ އެއް އަހަރު ވެސް އެކަން ކުރެވިފައި ނެތް ކަމަށެވެ. އަދި އާ ޕާޓީ އުފައްދަވާ ޕާޓީގެ އިސް ސަފުގައި "ހައިރާންވާ ވަރުގެ އެއްވެސް މީހަކު ނެތް" ކަމަށް ތަސްމީން ވިދާޅުވި އެވެ.
"އެއީ މީގެ ކުރިން ވެސް ވަކިވެ ގަނެގެން މަސައްކަތް ކުރަމުންދިޔަ ބޭފުޅުންނާއި ޑީއާރުޕީ އާ ކޯލިޝަން ހައްދަވައިގެން އެހެން ނަމަވެސް ޑީއާރުޕީ އަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރި ބައެއް މިއަދު އެ ޕާޓީގައި ވެސް އެ ތިއްބެވީ. އިތުރު އާ ބައެއް ނެތް. އެހެންވީމަ މިދިޔަ އެއް އަހަރު ތެރޭގައި ނުކުރެއްވުނު ކަމެއް ހަމައެކަނި ސިޔާސީ ޕާޓީއެއްގެ ނަން އައުމުން އިތުރަށް ކުރެއްވޭނެ ކަމަށް ބަލަންޖެހޭ ސަބަބެއް ވެސް ނެތް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ މައުމޫންގެ އާ ޕާޓީ އަށް ޑީއާރުޕީން ކެނޑިގެން އެކަށީގެންވާ ބަޔަކު ދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މިހާރު ވެސް އެކަން އެ ގޮތަށް ނުދާ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"އަބަދުވެސް ޑީއާރުޕީ އޮންނާނީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި. އަދި 2013 އަންނަން ދެން ޑީއާރުޕީ އޮންނާނީ ރާއްޖޭގެ އެންމެ ބޮޑު އެންމެ ވަރުގަދަ އެންމެ މެމްބަރުން ގިނަ ސިޔާސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި. އަދި 2013 ގެ އިންތިހާބުގައި ﷲގެ އިރާދަފުޅާއެކު ޑީއާރުޕީ ވާނީ މިއަދު މިއޮތް ސަރުކާރު ބަލިކޮށްލުމުގެ ގާބިލްކަން އޮތް ސިޔަސީ ޕާޓީ އަށް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޑީއާރުޕީ ތެރެއިން ހިޔާލު ތަފާތުވާ ބަޔަކު ކެނޑުމުން މިދިޔަ އެއް އަހަރަށް ވުރެ މިއަދު އެ ޕާޓީ "މާ ވަރުގަދަވާނެ" ކަމަށެވެ.
"އެއީ ޑީއާރުޕީގެ އެތެރޭގައި ތިބެގެން، ޑީއާރުޕީ ބަލިކަށިވާ ގޮތަށް މަސައްކަތްކުރި މީހުންނާ ޑީއާރުޕީ އާ ކޯލިޝަން ހަދައިގެން ތިބެގެން ޑީއާރުޕީ ނިކަމެތިވާ ގޮތަށް މަސައްކަތްކުރި މީހުން ޑީއާރުޕީން ވަކިވެގެން ދިއުމަކީ އަޅުގަނޑު ދަންނަވާނީ ޑީއާރުޕީ ވަރުގަދަ ވެގެންދާ ކަމެކޭ. އެއީ ޝައްކެތް އޮތް ކަމެއް ނޫން. މިއަދު އަޅުގަނޑުމެންގެ 100 ޕަސެންޓް ސަމާލުކަން، 100 ޕަސެންޓް ވަގުތު މިއަދު މި އޮތް ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ސަރުކާރަށް ފާރަވެރިވުމަށް ހޭދަކުރެވޭ. މިއަދުން ފެށިގެން އަޅުގަނޑުމެން ނުޖެހޭ އަޅުގަނޑުމެންގެ އެތެރޭގައި އަޅުގަނޑުމެން ހަލާކުކޮށްލި މީހުންނާ ދޭތެރޭ ވިސްނާކަށް. އެއީ މިހާރު އަޅުގަނޑުމެންގެ ބައެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ