ފުނަދޫ އާއި ތުލުސްދޫ މައްސަލާގައި މައުމޫން ފެކްޝަނުން މިރޭ މުޒާހަރާ ކުރަނީ

މާލެ އަތޮޅުގެ ވެރިރަށުގެ ގޮތުގައި ތުލުސްދޫ ހަމަޖައްސައި، ށ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށުގެ ގޮތުގެ ފުނަދޫ ހަމަޖެއްސި މައްސަލައިގައި، ސަރުކާރުން ބާރުގެ ބޭނުންކޮށްގެން ހިންގާ އަމަލުތަކާ ދެކޮޅަށް ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން މިރޭ އާޓިފިޝަލް ބީޗުގައި މުޒާހަރާކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑީއާރުޕީން ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުމުން، ރައްޔިތުންގެ އަތަށް ބާރުތައް ދޫކުރުމުގެ ބަދަލުގައި ސަރުކާރުން ޣައިރު ގާނޫނީ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުން ލައްވައި ރައްޔިތުންނަށް ބިރުދައްކައި ކައުންސިލްތަކުގެ އިދާރާތައް ހިސޯރުކުރުން ފަދަ ކަންތައް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ އެއްވުމަށް ފަހު، ޖުމްހޫރީ މައިދާނާ ހަމައަށް ހިނގާލުމެއް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ޑިމޮކްރަސީ އާއި ގާނޫނު ހިމާޔަތްކުރުމަށް" ބާއްވާ އެއްވުން ފަށަނީ މިރޭ 00: 9 ގަ އެވެ.
"މިކަންކަމާ ދެކޮޅު ހަދައި ރައްޔިތުންގެ އަޑު ސަރުކާރަށް ކޮންމެހެން އިއްވަންޖެހޭ ކަމަށް އަޅުގަނޑުމެން ދެކޭތީވެ އާޓިފިޝަލް ބީޗުގައި ޑީއާރުޕީގެ ބާއްވާ ބޮޑު އެއްވުމެއް މިއީ،" އުމަރު ނަސީރު ވިދާޅުވި އެވެ.
މި އެއްވުމަށް ހުރަސްއަޅައި ބާރުގެ ބޭނުން ނުކުރުމަށް އުމަރު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. އޭނާ ވިދާޅުވީ މިރޭގެ މުޒާހަރާގައި ސަރުކާރުން ބާރުގެ ބޭނުންކޮށްފި ނަމަ ރައީސް މުހަންމަދު ނަޝީދު ބައިނަލްއަގުވާމީ މީޑިއާ ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މި އެއްވުމުގެ މައުލޫމާތު ބައިނަލްއަގުވާމީ މީޑިއާތަކަށް ދީފައިވާތީ، އެ ފަރާތްތަކުން އެއްވުމުގެ ހަރަކާތްތައް ވަރަށް ގާތުން ބަލާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ޑިޕްލޮމެޓިކް ހުރިހާ މިޝަންތަކަށާއި ދުނިޔޭގެ މަޝްހޫރު ހުރިހާ ޓީވީޗެނަލްތަކަށާއި މީޑިއާތަކަށް މިކަން އެނގޭނެ. އަޅުގަނޑުމެންނާ ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހައި މުގުރު ބޭނުންކޮށް، މިފަދަ ކަމެއްކޮށްފި ނަމަ މަންޒަރުތަކާއި ވީޑިއޯތައް ދުނިޔޭގެ މަޝްހޫރު ޓީވީތަކަށް ފޮނުވާނަން. އެކަމުގެ އިންތިޒާމް ވެސް އަޅުގަނޑުމެން ވާނީ ހަމަޖައްސާފައި،" އުމަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައްޔިތުންނަށް ބިރުދައްކައިގެން މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެކަން މިރޭގެ މުޒާހަރާ އިން ސަރުކާރަށް އެނގިގެންދާނެ ކަމަށެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސަރުކާރުން މި ދުވަސްވަރާ ދިމާކޮށް ބާރުގެ ބޭނުންކޮށްގެން ފުލުހުން ކުރިމައްޗަށް ނެރެގެން މި އުޅެނީ ސަރުކާރުގެ އިސްވެރިންތަކެއްގެ "ބަރަހަނާ" ވީޑިއޯތަކެއްގެ އުޅޭ ކަމަށް ބުނާ މައްސަލަ އޮއްބާލަން ކަމަށެވެ. އެގޮތުން ކ. އަތޮޅާއި ށ. އަތޮޅަށް ފުލުހުން ފޮނުވައި ނޫސް މީޑީއާތަކުގެ ސުރުހީ ބަދަލުކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިރޭގެ މުޒާހަރާގައި ޕާޓީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ ފެކްޝަން ބައިވެރިވާނެތޯ ދެންނެވުމުން އުމަރު ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ހުރިހާ މެމްބަރުން ވެސް މި އެއްވުމުން ފެނިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ