އައްޑޫގައި ކަރަންޓު ޖެހުނު ދެމީހުންގެ ހާލު ރަނގަޅު - ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމަށް ކަރަންޓް ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޖެހުމުގެ ސަބަބުން ފަރުވާ ދެމުންދާ ފެނަކައިގެ ދެ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަމީލް ވިދާޅުވީ އިއްޔެ ހިނގި މިހާދިސާގައި ކަރަންޓުގައި ޖެހުނު ދެމީހުންގެ ތެރެއިން އެކަކު ފަރުވާ އަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެކަކު އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ނާޒިމްގެ ހާލު ރަނގަޅު ކަމަށާއި ދެތިން ދުވަސް ތެރޭގައި ދޫކޮށްލާނެ ކަމަށެވެ.
ކަރަންޓުގައި ޖެހުމުގެ ސަބަބުން އެންމެ ބޮޑަށް އަނިޔާވީ ފެނަކަ ހިތަދޫ ބްރާންޗުގެ ސީނިއާ ޓެކްނީޝަން މުހައްމަދު ނާޒިމަށެވެ. އޭނާ އަށް އިއްޔެ ހަވީރުއްސުރެއް ފަރުވާ ދެމުންދިޔައީ އައިސީޔޫގަ އެވެ. ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ފެނަކައިގެ ޓެކްނީޝަން، މުހައްމަދު މުނައްވަރެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ މި ހާދިސާ ހިނގުމާއި ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށާއި, އެކަން ހިނގާދިޔަގޮތް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށްވެސް ހުށައަޅާފައި ވާނެ ކަަމަށެވެ.
އައްޑޫ ސިޓީގައި މަސައްކަތްކުރާ ފެނަކައިގެ ދެ މުވައްޒަފަކު އިއްޔެ ކަރަންޓުގައި ޖެހިފައިވާއިރު 2015 ވަނަ އަހަރު، ގއ. ވިލިގިނލީ ފެނަކަ އިންޖީނުގޭގައި މަސައްކަތް ކުރި މުވައްޒަފަކު ވެސް ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ