އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވި ކަމުގެ އަޑުތައް ފެތުރެނީ!

ޑީއާރުޕީގެ މިހާރުގެ މައި އެއް މުގޫ، އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު އެމްޑީޕީ އަށް "ލުހެލައިފި" ކަމުގެ ވާހަކަތައް އާންމުންނާ ހަމައަށް ތިލަވާން ފަށައިފި އެވެ.
ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އަށް ޑީއާރުޕީގެ ޕޯޑިއަމްތަކުގަ އާއި ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި އެންމެ ހޫނު ހަމަލަތަކެއް ދެއްވަމުން ގެންދަވާ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް، އެމްޑީޕީން ބުނަނީ މި މައްސަލައިގައި އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.
ބައެއް މީހުން ބުނާ ގޮތުގައި އަލީ ވަހީދު ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ އަށް ވެސް ވަޑައިގެންފަ އެވެ.
އެމްޑީޕީއާ ގުޅިވަޑައިގެންފި ކަމާ މެދު ފެތުރޭ އަޑުތަކާ ބެހޭ ގޮތުން އަލީ ވަހީދުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިއަދު ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އަލީ ވަހީދު ވަނީ މުލީއާގޭގައި ރައީސް ނަޝީދާ މިދިއަ މަހު ވެސް ބައްދަލުކުރައްވާފަ އެވެ. އެފަހަރު އޭނާ ވިދާޅުވީ ރައީސާ ބައްދަލުކުރެއްވީ ކުށްކުރުން ހުއްޓުވުމާ މެދު ވާހަކަ ދެއްކެވުމަށް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ އަލީ ވަހީދު އެމްޑީޕީ އަށް "ސޮއިކުރައްވައިފި" ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން އާންމުނުކޮށް އޮތީ އެކަން ބޮޑު ހަފުލާއެއްގައި ހާމަކުރަން އެމްޑީޕީން ބޭނުންވެގެން ކަމަށާއި އެކަމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
އެމްޑީޕީއާ އަލީ ވަހީދު ގުޅިވަޑައިގެންކަން ނުވަތަ ގުޅިވަޑައިގަންނަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ އިރު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެކަމަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އެމްޑީޕީގެ އާ ނައިބު ރައީސް އަދި ކުރިން ޑީއާރުޕީގައި އަލީ ވަހީދާ އެކު ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އަލްހާން ފަހުމީ ރޭ ތޮއްޑޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ އޭނާ ދެން ތޮއްޑޫގައި "ފައިޖައްސާނީ ތިޔަ ބޭފުޅުންގެ މެމްބަރު އަލީ ވަހީދާ އެކު" ކަމަށެވެ.
މީގެ ކުރިން އަލްހާން އާއި މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ ތަފާތު ބައްދަލުވުންތަކުގައި "އަލީ ވަހީދު މިކޮޅަށް ވަޑައިގަންނަވަން" އެދިވަޑައިގެންފަ އެވެ.
އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވި ވާހަކަތަކާއި އެސްއެމްއެސްތައް ފެތުރެމުންދާ އިރު ޑީއާރުޕީން އެކަމާ މެދު އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ