މޫސުން ގޯސްވުމުގެ ސަބަބުން ނިއުގެ ގޯލްޑް ނައިޓް ފަސްކޮށްފި

މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބް ކަމުގައިވާ ނިއު ރޭޑިއަަންޓް ސްޕޯޓްސް ކުލަބުން މިރޭ ބާއްވަން ނިންމި" ގޯލްޑް ނައިޓް" މޫސުން ގޯސްވެ، ރާއްޖޭގެ އެކި ރަށްރަށުގައި ތިބި އެ ކުލަބުގެ ކުޅުންތެރިންނަށް މާލެ ނާދެވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
ނިއުގެ ޖެނެރަލް ސެކެރެޓަރީ އަދި ޓީމުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ، ކުލަބުން މިރޭ ބޭއްވުމަށް ނިންމާފައިވާ "ގޯލްޑް ނައިޓް" ފަސް ކުރަން ޖެހުނީ މިހާރު ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގެ ސަބަބުން، އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފުރައިގެން ދިޔަ އެ ކުލަބުގެ ކުޅުންތެރިންނަށާއި ކުލަބާ އަލަށް ގުޅުނު ކުޅުންތެރިންނަށް މާލެ ނާދެވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ގޯލްޑް ނައިޓް ބާއްވާނެ ތާރީހެއް ވީ އެންމެ އަވަހަކަށް އިއުލާން ކުރާނެ ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ.
ގޯލްޑް ނައިޓަކީ ނިމިގެން ދިޔަ ފުޓްބޯލަ ސީޒަނުގައި ނިއު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި އާ އަހަރުގެ ސީޒަނަށް ނިއުއާ ގުޅުނު ކުޅުންތެރިން ދައްކާލުމަށް ބާއްވާ ހަފުލާއެކެވެ. ނިއުގެ ގޯޑް ނައިޓް ބޭއްވުމަށް އެކުލަބުން ނިންމާފައި ވަނީ ދަރުބާރުގޭގަ އެވެ.
ނިއުގެ ގޯލްޑް ނައިޓްގައި މި އަހަރު ނިއުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ސަޕޯޓަރުންގެ މެދުގަައި އެންމެ މަގުބޫލު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި އެންމެ މޮޅު ގޯލު ހޮވައި އިނާމް ދެވޭނެ އެވެ. ނިއު ވަނީ މި އަހަރުގެ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ އެފްއޭކަޕް ކުއާޓާ ފައިނަލުގައި އީގަލްސް އަތުން އެކަންޏެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕް ކުޅެން ފުރުސަތު ލިބިފައިވުމުން ނިއުއިން ވަނީ ޓީމު ވަރުގަދަކުރުމަށް މިހާތަނަށް ފަސް ކުޅުންތެރިއަކު ގެންގޮސްފަ އެވެ. އެއީ ވިކްޓަރީ އަށް ކުޅުނު ސީޒަނުގެ ޓޮޕް ސްކޯރަރު މުހައްމަދު އުމޭރާއި ރިލްވާން ވަހީދާއި ވީބީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އާއި އޭވައިއެލްގެ މޫސާ ޔާމީނާއި މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުންގެ ގިނަ ނިއުގެ ބްލޫ ނައިޓް ބޭއްވީ ހުސްވި ސީޒަން ފެށުމުގެ ގޮތުން ޓީވީގަ އެވެ. ވައިޓް ނައިޓް ބޭއްވީ އދ. މަހިބަދޫގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ