ފޮނަދޫ އާއި މަހިބަދޫގެ ނަރުދަމާގެ ނިޒާމު ބެލެހެއްޓުން ފެނަކައާ ހަވާލުކޮށްފި

ލ. ފޮނަދޫ އާއި އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޗެއާމަން އަހުމަދު ނުއުމާން އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މަތީން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ލޯނު އެހީގެ ދަށުން ފޮނަދޫގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 2.3 މިލިއަން ޑޮލަރު ( 35.4 މިލިއަން ރުފިޔާ) ހޭދަވެފައިވާ ކަމަށެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 2.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މަހިބަދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމަށް 1.5 މިލިއަން ޑޮލަރު ( 23.13 މިލިއަން ރުފިޔާ) ހޭދަވެފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ. މި މަޝްރޫ އަށް ދިވެހި ސަރުކާރުން 1.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
"ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓިން ލައިސަންސާއި އެކަމަށް ގާއިމުކުރަންޖެހޭ ޓެރިފްގެ ނިޒާމު ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފެނަކައިން ކުރިއަށް ގެންދަވާނެ،" މަތީން ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ނުއުމާން ވިދާޅުވީ މި ނިޒާމުގެ ދަށުން ގޭގެ އަށް ހޮޅި ގުޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގައި ހުރި މިފަދަ ހިދުމަތްތަކާ ހަވާލުވުމަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ.
މި ދެ ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ޝިން ނިޕޯން އެއާ ޓެކްނޮލޮޖީއާ ހަވާލުކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ