ގާސިމް ވަގުތުން ދޫކޮށްލުމަށް ގޮވާލައި އެކި ރަށްތަކުން އަޑުއުފުލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުހައްގުން ޖަލަށްލާފައިވާތީ އެކަމާދެކޮޅަށް ބ.ތުޅާދޫއާއި، އދ ފެންފުށީގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ.
މިއަދު ހަވީރު އދ.ފެންފުށީގައި ކުރިއަށްގެންދިޔަ އިހުތިޖާޖާ ގުޅޭގޮތުން އެއިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި ގާސިމް އާދަމް ވިދާޅުވީ، މިއަދުގެ އިހުތިޖާޖުގައި ބައިވެރިވި ރައްޔިތުންގެ އެންމެ ފުރަތަމަ އަދި ފަހު އެދުމަކީ ގާސިމް އިބްރާހިމް މިހާރުން މިހާރަށް ދޫކޮށްލުން ކަމަށެވެ.
އޭނާ ވިދާޅުވީ ފެންފުށިން ރައީސް ޔަމީނަށް ރައްޔިތުން ވޯޓުދިނީ ގާސިމް އިބްރާހިމް އެކަމަށް އެދިވަޑައިގެން ކަމަށާއި އެކަމަކު ގާސިމަށް ދެމުންދާ އަނިޔާތައް ފެނުމުން އެތާއީދު ރައްޔިތުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމްގެ އިތުރުން، ސަރުކާރުން ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި އެހެންމީހުންވެސް މިނިވަން ކުރުމަށް ފެންފުށީ ރައްޔިތުންވަނީ ގޮވާލާފައެވެ.
ގާސިމް އިބްރާހީމަށް ނުހައްގުން ދެމުންގެންދާ އަނިޔާއާއި ދެކޮޅަށް ބ.އަތޮޅު ތުޅާދޫގައިވެސް މިއަދުވަނީ އިހުތިޖާޖު ކޮށްފައެވެ.
ތުޅާދޫގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅޭގޮތުން ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްރަހީމް ވިދާޅުވީ، ގާސިމަކީ ސިޔާސީގޮތުން ކޮންމެ ގޮތަކަށް ހުންނެވި ބޭފުޅެއް ނަމަވެސް ގާސިމަކީ ތުޅާދޫއާއި ގާތް ބޭފުޅެއް ކަމަށެވެ.
އަދި އެމަނިކުފާނަކީ ތުޅާދޫއަށް އެތައް އެހީއެއް ވެދެއްވާފައިވާ އަދި އެރަށުގެ އެތައް ޒުވާނުންތަކަކަށް މިހާރުވެސް ވަޒީފާ ދެއްވާފައިވާ ބޭފުޅެއް ކަމަށާއި، ގާސިމްގެ ބޭންކް އެކައުންޓުތައް ފްރީޒުކޮށް އެމަނިކުފާނަށް ގެއްލުން ދިނުމަކީ އެ ހުރިހާ ޒުވާނުންނާއި އެ ޒުވާނުންގެ އާއިލާތަކަށް ދެވޭ ހިތްދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން ތުޅާދޫގައި ބޭއްވި އިހުތިޖާޖުގައިވެސް، އެކި ގޮތްގޮތުން ބަންދުގައިތިބި އިދިކޮޅު ފަރާތްތައް މިނިވަން ކުރުމަށްވަނީ ގޮވާލާފައެވެ.
މިއަދުގެ އިހުތިޖާޖުތަކުގައި ފެންފުށްޓާއި ތުޅާދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.
ފެންފުށްޓާއި ތުޅާދޫގެ އިތުރުން، ޅ. ނައިފަރުގައިވެސް މިއަދުވަނީ ގާސިމް ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ