އައްޑޫ އެއާޕޯޓް އެއްބަސްވުމުގައި ސޮއިކޮށްފައި ޝާހިދަށް މަގާމަކު ނުހުރެވޭނެ: ގާސިމް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިކުއިޓީ ޕާޓްނަރެއްގެ ގޮތުގައި، އެ ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ ހޮލްޑިން އަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އަށް މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ ގާސިމް އިބްރާހީމް އޭނާ އަށް ރޭ އިންޒާރު ދެއްވައިފި އެވެ.
"ޝާހިދު އެހެން ބުންޏަސް ޝާހިދަކަށް [އެއްބަސްވުމުގައި ސޮއި] ނުކުރެވޭނެ. ޝާހިދު ކޮށްފައި އޭނާ އަކަށް ނުހުރެވޭނެ އެ މަގާމަކު. ކޮށްފައި އޭނަ އުޅެބަލަ މި ރަށުގައި. ޝާހިދަކަށް ވެސް ނުކުރެވޭނެ. އެހެން މީހަކު ވެސް ގާނޫނާ ހިލާފަށް އެކަން ކޮށްފިއްޔާ އަޅުގަނޑުމެން ގެންދާނަން އެ ގެންނަންވާ ހިސާބަކަށް،" ޖުމްހޫރީ ޕާޓީ އަށް ބައެއް ފަރާތްތަކުން ސޮއިކުރުމަށް އެ ޕާޓީ އޮފީހުގައި ބޭއްވި ހަފުލާގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވި އެވެ.
ގަން އެއާޕޯޓުގެ 30 ޕަސެންޓް ހިއްސާ ޗަމްޕާ ހުސެއިން އަފީފު ހިއްސާވާ ކާސާ ކުންފުންޏަށް ވިއްކާލުމާ އިސްވެ ދެކޮޅު ހައްދަވާ ގާސިމް ރޭ ވެސް ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން އުޅެނީ ރައްޔިތުންނަށް އެކަށީގެންވާ ފައިދާއެއް ލިބޭ ގޮތަށް ނޫން ކަމަށެވެ. އަދި އެކަން ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށް ތަކުރާރުކޮށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގަން އެއާޕޯޓް ކުންފުނީގެ ހިއްސާ ވިއްކަން ޖެހޭނީ ވީހާ ވެސް ދެފުށް ފެންނަ ގޮތަށް އަދި ރައްޔިތުންނަށް އެންމެ ބޮޑަށް މަންފާ ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު ދެފުށް ފެންނަ ގޮތަށް އެކަން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ އެއާޕޯޓް މައްސަލާގައި ގާސިމް ރޭ ސަރުކާރަށް ފާޑުވިދާޅުވިއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ނިންމާފައިވީ ނަމަވެސް ފިނޭންސް މިނިސްޓްރީގެ އެންގުމަށް އެކަން ވަނީ މަޑުޖައްސާލައިފަ އެވެ. އެހެން ނަމަވެސް ޝާހިދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތު އޮތީ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުވާލާ ގޮތަކަށް ނޫން ކަމަށާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެންޓަޕްރައިސަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑު (ޕެމެބް) އިން އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އެއްބަސްވުމުގައި ސޮއިކުރެވޭވަރުވާނެ ކަމަށް ވެސް ޝާހިދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
ގާސިމް ވިދާޅުވީ އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި ކެބިނެޓުން ގާނޫނާ ހިލާފަށް ކުރިއަށް ގެންދަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ނުދެކޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ކުއްޔަށް ދިނީ ކެބިނެޓުން ނިންމައިގެން ނޫން ކަމަށެވެ.
"އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން މިއަދުގެ ސަރުކާރުން ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި އަދި އޭނާގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން އެވަރުގެ ޣާފިލު ކަމެއް ކުރައްވާނެ ކަމަކަށް. އަދި އަޅުގަނޑު ގަބޫލެއް ނުކުރަން ޝާހިދު ވެސް މި ދެންނެވި ފިޔަވަޅުތައް ނާޅުއްވައި، މިހާ ހިސާބަށް ވާހަކަތަކެއް ދެކެވިފައި ވިޔަސް އެކަން ކުރައްވާނެ ކަމަކަށް. އެ ދެން އަޅުގަނޑު ގަބޫލުކުރާ ގޮތް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓް ތަރައްގީކުރެވޭ ވަރުގެ ލޯނެއް ނަގައިގެން ވިޔަސް ސަރުކާރުން އެކަން ކުރަން ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ޖުމްހޫރީ ޕާޓީން ހުށަހަޅާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ވިއްކާލުމަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް "ވިއްކާލުން" ފަދަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ގަން އެއާޕޯޓް ކުންފުނީގެ ހިއްސާ އެހެން ފަރާތަކަށް ވިއްކާލަނީ ލޯކަލް ކޮމްޕޯނަންޓަށް ދައްކަންޖެހޭ ފައިސާ ނުލިބިގެން ކަމަށް އޭނާ ގާތު ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ގަމާއި ގަމުގެ އެއާޕޯޓް ދިގު މުއްދަތަކަށް ބަޔަކަށް ކުއްޔަށް ދޭއިރު ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމަށާއި ކާސާ އިން ބޭނުންވާ ގޮތަށް ކަންކަން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިރެކްޓަރުންގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން އަންނަ ބޭފުޅަކު މިސާލަކަށް އެ ދުވަހަކު ނައީ. ނާތުވެއްޖިއްޔާ ކިހިނެއްތޯ ވާނީ؟ ކާސާ ހޮލްޑިން އިން ބޭނުންވާ ގޮތަށް ބާކީ އޮތް 40 ޕަސެންޓް ހިއްސާ ބޭނުން ފަރާތަކަށް ވިއްކާލުމުގެ ފުރުސަތު ލިބިގެން ދިޔައީ. އަނެއްކޮޅުން ދައުލަތުގެ އެވަރުގެ ބޮޑު މުދަލެއް، ހިއްސާ ވިއްކާލާއިރު އިވެލުއޭޝަނެއް ވެސް އޮންނާނެ. އެއިން އެއްވެސް ކަމެއް ނުކުރޭ. ކިހިނެއްތޯ 60 މިލިއަން ރުފިޔާ މި ބެލީ؟ އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކީއްވެގެންތޯ މިކަން ނުކުރަންވީ؟ އެވަރުގެ އެއްޗެއް ދައުލަތުގެ ބަޖެޓުގައި ނެތީތޯ؟ މީގެ ތެރޭގައި ކޮންމެވެސް ނުސީދާ ކަންތައްތަކެއް އުޅޭ ކަމަށް އަޅުގަނޑު ހަމަގައިމު ވެސް ގަބޫލު ކުރަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 24 މިލިއަން ޑޮލަރަށް ވުރެ ބޮޑު ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު 44 މިލިއަން ޑޮލަރަށް އެއާޕޯޓް ތަރައްގީ ކުރާއިރު ދައުލަތުން އޭގެ ޒިންމާ އުފުލަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ އެތަން ނަހަދާކަށެއް ނޫން. އަޅުގަނޑުމެން މި ދަންނަވަނީ އަވަހަށް އެތަން ހަދައި ދޭށޭ. އަވަސް ކުރާށޭ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކާސޯ ހޮލްޑިން އިން ބޭރުގެ ފަރާތަކަށް ހިއްސާ ވިއްކާލައިފި ނަމަ ދެން ދިވެހިންނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ދެން ޖެހޭނީ މާލޭ އެއާޕޯޓް ހޯދުމަށް ކުރާ މަސައްކަތް ގޮތަށް "ފަހަތުން ދުވަން" ކަމަށެވެ.
"އަދި އެއަށް ވުރެ ވެސް މާ ނުބައި. މިތަނުން [ގަން އެއާޕޯޓް ކުންފުނި] ހިއްސާ ވިއްކާލަނީ. އެ އަނބުރާ ނެގޭނެ ގޮތެއް ވެސް ނޯންނާނެ. އެގްރީމަންޓުގެ މުއްދަތު ހަމަވީމާ އެކަން އެ ނިމުނީ. މިފަދަ ކަމެއްގެ ވާހަކަ މި ދައްކަނީ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާފައި ވަނީ އަޅުގަނޑު އަމިއްލަ އަށް ތަކެތި ހިފައިގެން ގޮސް، ޑްރެޖަރާއި މީހުންނާއި ސާމާނާ ހުރިހާ އެއްޗެހި ހިފައިގެން ގޮސް އަޅުގަނޑު އަމިއްލަ އަށް އެ އޭރިއާ ހިއްކަދޭށޭ މި އުޅެނީ. މިއަދުން މިއަދަށް ވެސް އަޅުގަނޑު މިހިރީ އެކަން ކޮށްދޭން. އެކަން ހުއްޓުވަން އުޅޭ މީހަކު ކުރާނެ ކަމެއް ނޫން މިއީކީ."
އޭނާ ވިދާޅުވީ ގަން އެއާޕޯޓް ކުންފުންޏަށް ލިބޭ ރަށް ތަރައްގީ ކުރުމަށް ފަހު ލޯކަލް ކޮމްޕޯނަންޓަށް ދޭންޖެހޭ ފައިސާ ދިނުމަށް ރައީސް ވަހީދަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެއާޕޯޓުގެ މަސައްކަތުގެ ބީލަން ޗައިނާ އާއި އިންޑިއާގައި ހުޅުވާލައިފި ނަމަ 24 ނުވަތަ 25 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަގު ނުދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ދެން ކީއްވެގެންތޯ 44 މިލިއަން ޑޮލަރުގެ ދަރަންޏެއް ދިވެހި ސަރުކާރުން ދިވެހި ދައުލަތުގެ ރައްޔިތުންގެ ބޮލުގައި އަޅުވަން މިޖެހެނީ؟ އެހެންވެ މި ދަންނަވަނީ އެވަރުގެ ކަމެއް ކުރަން ހެޔޮ ނުވާނެ އޭ. އަނެއްކޮޅުން އެއީ ރާއްޖެ އިން ބޭރުން މީހުންނަށް ވަންނަ ދޮރާއްޓެކޭ. ހަމައެކަނި އިންޓަނޭޝަނަލަށް ލައިސަންސް އޮތް، ދިވެހި ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ތަނަކީ އެއީ [ގަން އެއާޕޯޓް]. އެހެން އޮއްވައި މިއަދު އެތަން ވެސް ދޫކޮށްލާކަށް ނުވާނެ. އަޅުގަނޑަކަށް ނުފެނޭ އެއްގޮތަކަށް ވެސް މިކަން ކުރާކަށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރުން އަމިއްލަ ބަޔަކާ ހަވާލުކޮށްފި ނަމަ އެ ބަޔަކު ބަލާނީ އެންމެ ބޮޑު ފައިދާއެއް ނެގުން ކަމަށާއި ނަތީޖާ އަކީ ފްލައިޓްތައް މަދުވެ އެ ސަރަހައްދުގައި އިންވެސްޓަރުން މަދުވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ