މަރުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނި ބައެއް މީހުން ދުނިޔޭގައި އެބަތިބި: ފުއާދު

މަރުވެފައިވާ ބައެއް މީހުންގެ ނަމުގައި ވޯޓުލާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލް ކުރި އިރު  މަރުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި ބައެއް މީހުން ދުނިޔޭގެ އެބަތިބި ކަމަށާއި އެ މީހުން އެ ދުވަހު ވޯޓު ވެސް ލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު މިރޭ ވިދާޅުވީ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު ބާތިލްކޮށްފައި ވަނީ ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް ކަމަށެވެ. އެގޮތުން މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓު ލީ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފާހަގަ ކުރި ތިން މީހަކު ދުނިޔޭގައި ތިބި ކަމަށް މިހާތަނަށް ބެލި ބެލުމުން ޔަގީން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފުއާދު ވިދާޅުވި ގޮތުގައި ސ. މަރަދޫ، މުސްކުރާނާގެ މުހައްމަދު އަހުމަދާއި ހިތަދޫ، ބްލޫރޫމް ފާތިމަތު ދީދީ އަދި މާލޭ ސްވޯޑް އަހުމަދު ނަސީމް ވެސް މަރެއް ނުވެ އެވެ. "އެ ދުވަހު އެމީހުން ވޯޓު ވެސް ލާފައި ހުރި ކަމަށް އެ މީހުން ބުނޭ. މިގޮތަށް އެތައް ބަޔަކު އެބަ ތިބި ސުޕްރީމް ކޯޓުން މަރުވެފައި ތިބި ކަމަށް ފާހަގަ ކުރި އެކަމަކު ދިރި ތިބެ ވޯޓުލާފައި. އެކަމަކު އިންތިހާބު ބާތިލް ކުރީ މަރުވެފައި ތިބި މީހުން ވޯޓުލީ ކަމަށް ބުނެ. ވަރަށް އެހެން ކަހަލަ ގޮތަކަށް އިންތިހާބު ބާތިލް ކުރީ،" ފުއާދު ވިދާޅުވި އެވެ. ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުން އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރި ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މަރުވެފައިވާ މީހުންގެ ނަމުގައި 18 މީހަކު ވޯޓުލާފައިވާ ކަމަށެވެ. އަދި އައިޑީ ކާޑުގެ މައުލޫމާތުގައި ތަފާތު ހުރި 819 މީހުން ލިސްޓުގައި އޮތުމާއި ދާއިމީ އެޑްރެސް ދިމާނުވާ 2830 މީހަކު ވޯޓުލުމާއި ނަމުގައި ތަފާތު ހުރި 952 މީހެއްގެ ނަން ލިސްޓުގައި އޮތުން ވެސް އެ ފަނޑިޔާރުން ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައިވެ އެވެ. ގޮތުގައި ލިސްޓްގައި ނަން ނެތް 773 މީހުންނަށް ވޯޓު ލެވުނު އިރު ނަން ނެތް 73 މީހަކަށް ވޯޓެއް ނުލެވުނެވެ. އޭގެ އިތުރުން އައިޑީ ކާޑު ހައްދާފައި ނެތް 225 މީހަކު ވޯޓު ލާފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ބުނެފައިވެ އެވެ.ފުއާދު ވިދާޅުވީ އިންތިހާބު ބޭއްވީ ގާނޫނު އަސާސީގައި ބުނާ ގޮތަށް އެކުލަވާލެވުނު ސައްހަ ލިސްޓެއްގެ މައްޗަށް ކަމަށެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހަޅާ އެ ލިސްޓް އިސްލާހު ކުރަން ގާނޫނުގައި ބުނާ ގޮތަށް އެކަށީގެންވާ ފުރުސަތުތަކެއް ދެވުނު ކަމަށް ފުއާދު ވިދާޅުވި އެވެ. އެގޮތުން ޑީއާންއާރުގެ ލިސްޓް ގެނެސް ކައުންސިލްތަކުން ހޯދުނު މައުލޫމާތުތަކާ އެކު ލިސްޓްތައް އެކުލަވާލައި ކޮންމެ ރަށެއްގެ ކައުންސިލް އިދާރާގެ ބޭރުގައި ވެސް އިސްލާހު ހުށަހަޅަން ލިސްޓްތައް ބެހެއްޓުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ޑީއެންއާރުގެ ލިސްޓް މިފަހަރު ވޯޓާޒް ލިސްޓްގެ ގޮތުގައި ބޭނުން ކުރާ އިރު އެ ލިސްޓްގައި މަރުވެފައިވާ މީހެއްގެ ނަން އޮތުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަރުވެފައިވާ ކަމަށް ޔަގީން ނުކުރެވިގެން ލިސްޓް އުނިނުކުރެވިފައިވާ މީހުންގެ ނަންތައް ހުރެދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. "ޑިއެންއާރުން ވެސް އެބަ ވިދާޅުވޭ އެގޮތަށް ހުރެދާނެ ކަމަށް. އެހެން ވީމާ މިފަހަރަކު ކުރިން ކުރި ވަރަށް މަސައްކަތް ކުރާކަށް އަޅުގަނޑުމެންނަކަށް ވަގުތެއް ނެތް. އެކަމަކު ދެވެން އޮތް ފުރުސަތެއް ވިއްޔާ ދެމުން މިދަނީ. މީގެ ކުރިން ހަތެއް ސެޕްޓެމްބަރު ގައި އަޅުގަނޑުމެން ބޭއްވީ ވަރަށް ބޮޑަށް ލިސްޓް އިސްލާހު ކުރުމަށް ފަހު،" ފުއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު މަހު ބޭއްވީ އިންތިހާބުގެ ކަންކަން ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އަދި ދެ ފުށްފެންނަ ގޮތަކަށް ކުރިއަށް ގޮސްފައިވާ އިރު އެ އިންތިހާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ފުރިހަމަ އަށް އަމަލު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑި ކިޔަމުން އިލެކްޝަންސް އިން މީގެ ކުރިން ވެސް ބުނެފައި ވަނީ ސުޕްރީމް ކޯޓުން އިންތިހާބު ބާތިލް ކުރަން ނިންމި މައިގަނޑު ސަބަބަކީ ވޯޓު ލީ މީހުންގެ ނަން ނުވަތަ އެޑްރެހުގައި ހުރި ފުށުއެރުންތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން، ނަމުގައި ހުރި ކުދިކުދި މައްސަލަތަކުގެ ސަބަބުން 952 ވޯޓެއް ބާތިލްކޮށްފައިވާ އިރު 2،830 ވޯޓު ބާތިލްކޮށްފައި ވަނީ ވޯޓާސް ލިސްޓުގައި އޮތް އެޑްރެހާއި އައިޑީ ކާޑުގެ އެޑްރެހާ ދިމާ ނުވުމުން ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ