ރިޔާސީ އިންތިހާބުގެ ކުރިން ޖޭއެސްސީ ހަމައަކަށް އެޅުވޭނެ: ނަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި ރިޔާސީ އިންތިހާބުގެ ކުރިން އެ މައްސަލަތައް ހައްލުކޮށް އެ ކޮމިޝަން ހަމައަކަށް އެޅުވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ހޯލުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ ގަދަރުވެރިކަމާ ގުޅޭ ގޮތުން ފެންމަތިވަމުން ދަނީ ކަންބޮޑުވެވަޑައިގަންނަވާ، ހިތާމަވެރި މައްސަލަތަކެއް ކަމަށެވެ. ޖޭއެސްސީގައި ހުރީ ހައްލުނުކުރެވޭވަރުގެ މައްސަލަތަކެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީ އިސްލާހުކުރަން ފުރަތަމަ ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ނަޝީދު ދެކެވަޑައިގަންނަވަނީ އެ ކޮމިޝަނުގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ގޮތަކަށް އެ ކޮމިޝަނުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން މަޖިލިހުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަން ޖޭއެސްސީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާތީ، ޖޭއެސްސީ އަށް ވަޑައިނުގަންނަވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
"ޖުޑީޝަލް ސާވިސަސް ކޮމިޝަނުގައި މިހާރު ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ރިޔާސީ ކެންޑިޑޭޓެއް [ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް]. އެކަން ވެސް އެ ނޫން ގޮތަކަށް ހަމަޖެއްސުމަކީ ބޭނުންތެރި ކަމެއް. ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުމަކީ ވެސް މުހިއްމު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ގުޅޭ ގޮތުން 12 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަތަކުގައި ވެސް ޖޭއެސްސީން "އަޅާލާފައި ނުވާ" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަނެއްކާވެސް އަޅުގަނޑުމެންނަށް ދިމާވަމުން މިދަނީ ފަނޑިޔާރުގެއާ ގުޅޭ މި ބާވަތުގެ މައްސަލަތައް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ޖޭއެސްސީ ކުރިއަށް މިއޮތް 68 ދުވަހުގެ ތެރޭގައި އިސްލާހުކުރެވޭނެ. ޖޭއެސްސީ ހައްލުކުރެވުނީމާ ފަނޑިޔާރުގެތަކުގެ މައްސަލަތައް ވެސް އިރާދަކުރެއްވިއްޔާ ހައްލުވެގެންދާނެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖޭއެސްސީ އިސްލާހުވާނީ މިވެނި ގޮތަކަށޭ ބުނެ އެގޮތަށް ހަމަޖެހެންދެން އެ ކޮމިޝަން އިސްލާހުނުކޮށް މަޑުކުރުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. ޖޭއެސްސީގެ މަސައްކަތް ދެ ފުށް ފެންނަ ގޮތަކަށް ކުރަން ޖެހޭ ކަމަށާއި މިހާރު އޮތް ގާނޫނު އަސާސީގެ ތެރެއިން ވެސް ޖޭއެސްސީ އިސްލާހުކުރެވެން އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯގެ މައްސަލަ ފެންމަތިވެފައިވާއިރު އެ ވީޑިއޯ ގަތުމަށް ނުވަތަ ވިއްކުމަށް ރައީސް މުހައްމަދު ވަހީދާ ގާތް ގުޅެއް އޮންނަ ބޭފުޅަކު އުޅުއްވިކަން ހާމަވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރީ އެމްއެންބީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފާއިޒު އެވެ.
ފާއިޒު އެ މައްސަލާގައި ހިމެނޭ ކަމަށް ތުހުމަތުކުރެވުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބޮޑު ހިއްސާއެއް ބަރަހަނާ ވީޑިއޯގެ މައްސަލަތަކުގައި އޮތްކަން ދޭހަކޮށްދޭ ކަމެކެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވިދާޅުވީ ފުލުހުންނާއި ސިފައިން ވޯޓުލާން ފިޔަވައި ވޯޓު ފޮށި ސަރަހައްދުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ވޯޓުލާން ފިޔަވައި އިލެކްޝަންސްގެ ހުއްދަ ނެތި ފުލުހުންނާއި ސިފައިންނަށް ވޯޓު ފޮށި ކައިރީގައި ނުތިބެވޭ ގޮތަށް އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ