ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އިންތިހާބާ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ވެސް ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅީ ސަރުކާރު ކޯލީޝަންގެ ފަރާތުން ޕީޕއެމްގެ ޓިކެޓުގައި ވާދަކުރެއްވި އަލީ އިބްރާހީމް އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި އެ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ މުހައްމަދު އަސްލަމާ ވާދަކުރައްވާ އަލީ އިބްރާހީމަށް ނާކާމިޔާބުވީ 128 ވޯޓުގެ ތަފާތުންނެވެ. އަސްލަމަށް 1267 ވޯޓް ލިބިވަޑައިގެންފައިވާއިރު، އަލީ އިބްރާހީމަށް ލިބިވަޑައިގެންނެވީ 1139 ވޯޓެވެ.
މީދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޖިހާދު އެވެ. މީދޫ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ ވާދަކުރައްވާ ޖިހާދަށް އިންތިހާބުގައި ނާކާމިޔާބުވީ 224 ވޯޓުގެ ތަފާތުންނެވެ. ސިޔާމަށް 1140 ވޯޓް ލިބިވަޑައިގެންފައިވާއިރު، ޖިހާދަށް ލިބިވަޑައިގެންނެވީ 916 ވޯޓެވެ.
މީދޫ ދާއިރާއާއި ހިތަދޫ އުތުރު ދާއިރާގެ އިތުރުން މީގެ ކުރިން ވަނީ ނުވަ ދާއިރާއެއްގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ. އެއީ ހިތަދޫ މެދު ދާއިރާ، ތިމަރަފުށީ ދާއިރާ، ފުނަދޫ ދާއިރާ، ކުރެންދޫ ދާއިރާ، ނައިފަރު ދާއިރާ، ނޮޅިވަރަމު ދާއިރާ، ވިލިނގިލީ ދާއިރާއާއި މަހިބަދޫ ދާއިރާ އަދި ފެލިދޫ ދާއިރާގެ މައްސަލަ އެވެ.
މީގެ ތެރެއިން ބައެއް ދާއިރާ ތަކުގެ އަޑުއެހުންތައް ނިމި ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވާއިރު، ބައެއް ދާއިރާ ތަކުގެ އަޑުއެހުންތައް އަދި ފެށިފައެއް ވެސް ނުވެ އެވެ.
އިންތިހާބީ މައްސަލަތަށް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އަދި އިންތިހާބުގެ މައްސަލަތަކާއި މެދު ކޯޓުން ގޮތެއް ނިންމުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހެެވެ.
ދ. މީދޫއާއި ހިތަދޫ އުތުރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ވެސް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ