މަސްތުވާތަކެއްޗާއެކު ކާށިދޫން ހައްޔަރު ކުރި މީހަކު ކޯޓުން ދޫކޮށްލައިފި

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 32 ރަބަރު ޕެކެޓާއެކު ކ. ކާށިދޫން ހައްޔަރު ކުރި މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ކާށިދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 31 އަހަރުގެ މީހާ ހައްޔަރު ކުރީ އޭނާ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާގުޅިގެން، މި މަހުގެ 11 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭ މީހުންގެ ހުއްދައާއެކު އެގެއަށްވަދެ، ދިރިއުޅޭ ކޮޓަރި ބަލައި ފާސްކޮށް އެ ކޮޓަރިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 32 ރަބަރު ޕެކެޓް ފެނުމުން ކަމަށެވެ.
ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާއަކީ ވައްކަންކުރުމުގެ ދެ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ ޙުކުމްކޮށްފައިވާ މީހެއް ކަމަށާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި 12 ފަހަރެއްގެ މަތިން ސުވާލުކޮށް ހަ ފަހަރަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ