ރައްޔިތުން ޔާމީނަށް ވެރިކަން ނުދޭނެ ސަބަބަކީ އެއްބަސްވުންތައް އެފުށްމިފުށަށް ޖެހުން: ނަޝީދު

ސަރުކާރު ބަދަލުވެ ވެރިކަން ލިބިވަޑައިގެންފިނަމަ މި ސަރުކާރުން ހަދާފައިވާ ހުރިހާ އެއްބަސްވުންތަކެއް އެފުށް މިފުށަށް ޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރު ކަމެއް ނެތި އެއްބަސްވުންތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިއަނަކަށް އަރާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލާލުމެއް ނެތި އަނެއްކާވެސް އެއްބަސްވުންތައް އެފުށް މިފުށަށް ޖަހަން ރައީސް ޔާމީން ވިދާޅުވުމަކީ އެމަނިކުފާނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށެެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ ގާތްގުޅުންތަކެއް އުފައްދާފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއަށް ދަރާފައިވާ 4.2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކަން ދައުލަތަށް ނުކުޅެދުނީމާ ދެން އެދޭނީ މަޝްރޫއުތަކުގެ ހިއްސާ ދިނުމަށް ކަމަށެވެ. ހިއްސާއާއި އެކު ގެއްލޭނީ ބިމާއި އެކު ރާއްޖޭގެ މިނިވަންކަން ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރާ އެކު ސޮއިކުރި އެއްބަސްވުމާއެކު ދިވެހި ދައުލަތަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ގޮވަމުން ދިއުމާ ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވަނީ ޖީއެމްއާރްގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަން ޖެހުމުން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މިފައިސާ ދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ