ސަރުކާރާ މައި އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދެކުނަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ ބޭއްވި ހަފްލާގައި ގާސިމް އެގޮތަށް ވިދާޅުވީ، ދައްކާ ވާހަކައާއި ކުރާ ކަންތަކާ ދިމާވޭތޯ ސުވާލު އުފައްދަވައިފައެވެ.
ގާސިމް ވިދާޅުވީ، މިއަދު ރާއްޖޭގެ ސަގާފަތަކީ ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ މީހަކުވެސް ”ވާނުވާ“ ޖަހާފައި ޖަލަށް ލުން ކަމަށެވެ. އަދި އެއީ ކޮންކަމެއްތޯ ވިދާޅުވެ ގާސިމް ކޯފާ އިސްކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.
”އަޅުގަނޑު ގޮވާލަން ބޭނުންވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާނުވާ ޖަހާފައި ޖަލުގަ އެހެން ނުބޭއްދޭނޭ. ދޫކުރައްވާށޭ މިހާރުން މިހާރަށް. އަނިޔާވެރި ނުވާނަމޭ ކިޔައިގެން އެ ތޮފި އަޅައިގެން ތިބެގެން އަބްދުﷲ ޔާމީން ޖަލަށް ލައިގެން އެހެން ނުބެހެއްޓޭނެ. ދޫކުރާށޭ. ދޫކުރާށޭ. ވާނުވާ ޖަހާފައި ނުބޭންދޭނެ،“ ގާސިމް ވިދާޅުވިއެވެ.
ޔާމީން ދޫކުރައްވަން ގާސިމް މިއަދު ގޮވާލެއްވިއިރު، ޔާމީން ހުންނެވީ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައެވެ. ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ނަމަވެސް ޖަލަށް ބަދަލުކުރި ފަހުން ތިން ފަހަރެއްގެ މަތިން މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާ ދެއްވައިފައެވެ.
އަދުލު އިންސާފު ލިބެންޖެހޭނީ ހުރިހާ މީހުންނަށް ހަމަހަމަކޮށްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ރައީސް ޔާމީނަށް ގާނޫނު އަސާސީގައިވާ ހަމަތަކުގެ މަތިން އިންސާފުގެ މަގުން ޝަރީއަތް ހިންގުމަށްފަހު ދޭންޖެހޭ އަދަބެއް ދޭންވީ ކަމަށެވެ.
ނަމަވެސް މިހާރު އެމަނިކުފާނު ޖަލުގައި ބެހެއްޓުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުން އިންޓެލިޖެންސް ރިޕޯޓް ހަދާ ގޮތާއި އޭގެ ފެންވަރު ދަންނަކަމަށާއި އެކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވާފައިވާ ކަމަށެވެ.
އަދި އިންޓެލިޖެންސް ރިޕޯޓެއް ލިބިއްޖެކަމަށް ވިދާޅުވެ ރާއްޖޭގެ ކޯޓަކުން ހުކުމް ކުރާތީ ހިތާމަކުރައްވާކަމަށާއި އެފަދަ މުއައްސަސާތައް މިހާރުން މިހާރަށް އިސްލާހު ކުރެއްވުމަށް ގާސިމް ގޮވާލެއްވިއެވެ.
”ހާއްސަ ގޮތެއްގައި ރަނގަޅަސް ނުބަޔަސް ގައުމަށް އެހާބޮޑު ހިދުމަތްތަކެއްކޮށްފައި ގައުމުގެ އެންމެ މަތީ ވެރިކަންކޮށްފައި ތިބޭ ބޭފުޅުން އެގޮތަށް ރަހުމެއްނެތި ހަމްދަރުދީއެއްނެތި ޖަލަށްލައިގެން ނުވާނޭ އެއްގޮތަކަށް ވިޔަސް. އެއީ ކޮންމެ ބޭފުޅަކަށް ވިޔަސް،“ ގާސިމް ވިދާޅުވިއެވެ.
ޔާމީނަށް ”ވާނުވާ“ ޖަހާފައި ޖަލުގައި ނުބެހެއްޓޭނެ، ދޫކުރައްވާ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ