ސީރިއާގައި ދޭ ވައިގެ ހަމަލާތަކުގައި 10 ދުވަސް ތެރޭ 103 މަރު: އދ

އދ (ޖުލައި 27): ސީރިއާ ސަރުކާރުން ރަޝިއާއާ ގުޅިގެން އެ ގައުމަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ފާއިތުވި 10 ދުވަސް ތެރޭ 100އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް އދ އިން ބުނެފިއެވެ. އދގެ ހިއުމަން ރައިޓްސް ޗީފް މިޝެލް ބަޝެލޭ ވިދާޅުވި ގޮތުގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މާރުކޭޓުތަކާއި ބޭކަރީތަކަށް އަމާޒުކޮށް ދިން އެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 26 ކުޑަކުދިންވެސް ހިމެނެއެވެ. އަދި އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އާންމު ރައްޔިތުން އެއްވެ އުޅޭ ތަންތަނަށް ކަމަށާއި އެ ހުރިހާ ހަމަލާތައްވެސް އެފަދަ ތަންތަނަށް އަމާޒުވީ އޮޅުމަކުން ކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. "އާންމު ރައްޔިތުންނަށް ގަސްތުގައި ހަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް، އަދި އެހަމަލާ ދޭން އަމުރުކުރި މީހުންނާއި ހަމަލާ ދިން މީހުން އޭގެ ޖިނާއީ ޒިންމާ ނަގަން ޖެހޭނެ،" ބަޝެލޭ ވިދާޅުވިއެވެ. ސީރިއާގެ ހަނގުރާމައަށް އަށް އަހަރުވެފައިވާ އިރު މިހާރު އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އެންމެ ބޮޑު ސަރަހައްދަކީ އިދުލިބާއި ހަލަބާއި ހާމާ ޕްރޮވިންސުގެ ބައެއް ސަރަހައްދުތަކެވެ. ސީރިއާ ސަރުކާރުން މިދިޔަ އޭޕްރިލް މަހު އެސަރަހައްދު ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށި ފަހުން 400،000 އަށް ވުރެ ގިނަ މީހުން ގެދޮރު ނެތިފައިވާ ކަމަށް އދ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ