ޖަލު ޙުކުމެއްގައި ހުއްޓާ މަރުވި އަބްދުﷲ އާއި ގުޅޭ ރިޕޯޓް ރިޔާސީ ކޮމިޝަނާއި ހިއްސާކޮށްފި

މޭޑޭ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަމުގެ ކުށް ސާބިތުވެ ޖަލަށްލި އަބްދުﷲ ރަޝީދު ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރުމަށް ފަހު އެ މައްސަލައިގެ ރިޕޯޓު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހިއްސާކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ރިޔާސީ ކޮމިޝަނާއި މިއަދު ހިއްސާކޮށްފައި ވާނެ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ މަރާއި ގުޅޭ ރިޕޯޓް އެޗްއާރްސީއެމް އިން ރިޔާސީ ކޮމިޝަނާއި ހަވާލުކޮށްފައި މިވަނީ އެމައްސަލައިގައި އިހުމާލުވި ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރެވޭވަރުގެ ހެކި ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ވިދާޅުވެ، އެމައްސަލަ އެޗްއާރްސީއެމް އަށް ފޮނުވާލާފައިވާކަން އެޗްއާރްސީއެމް އިން ހާމަކުރިތާ އެއް ދުވަސް ފަހުންނެވެ.
އަބްދުﷲ ރަޝީދުގެ މައްސަލަ ރިޔާސީ ކޮމިޝަނުން ކުރިން ވެސް ދިޔައީ ތަޙްޤީޤު ކުރަމުންނެވެ.
އަބްދުﷲ ރަޝީދު 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ