ހިތަދޫ ފިހާރައަކުން ކަރަންޓް ކަނޑާލި މައްސަލަ ނިމެންދެން، ކަރަންޓް ދިނުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްފި

ހިތަދޫ ފިހާރައަކުން އެއްވެސް އެންގުމަކާ ނުލާ ފެނަކައިން ކަރަންޓް ކަނޑާލި މައްސަލައާ ގުޅިގެން، ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިންމަންދެން، އެ ފިހާރައަށް ކަރަންޓްގެ ހިދުމަތް ވަގުތުން ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.
އެއްވެސް އެންގުމަކާ ނުލާ ފެނަކައިން ކަރަންޓް ކަނޑާލާފައިވަނީ، ހިތަދޫ ކަސްރަތީގެ މުހައްމަދު މޫސާގެ ފިހާރަ ކަމަށްވާ އެމްއެމް ޓްރޭޑާސް އިންނެވެ.
މުހައްމަދު މޫސާ ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، މާޗުމަހުގެ ތެރޭގައި ކަރަންޓް ބިލް ދެގުނައަށް ބޮޑުކޮށްފައިވާތީ، އެ ބިލް އިސްލާހުކުރުމަށް ފެނަކައިގެ ހިތަދޫ އޮފީހަށް ހުށައަޅާފައިވަނިކޮށް އެއްވެސް ޖަވާބެއް ނުދީ މިއަދު މެންދުރު 15:15 ގައި ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ.
ހިތަދޫ ކޯޓްގެ މެޖިސްޓްރޭޓް ކޯޓުން ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ  ކަރަންޓްގެ ހިދުމަތް އެ ފިހާރައިން ކެނޑިފައި އޮތުމަކީ އެކަމުގެ ސަބަބުން ފިހާރައިގެ ވެރިފަރާތުގެ ހައްގާއި އަދި އެ ފިހާރައިން ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބިދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން، އެމްއެމް ޓްރޭޑާސް ހިންގާ އިމާރާތަށް ކަރަންޓްގެ ހިދުމަތް މެދުނުކަނޑައި މި ވަގުތަށް ފޯރުކޮށް ދިނުމަކީ ޒަރޫރަތެއް ކަމަށް ފެންނާތީ ހުށަހެޅިފައިވާ ގަޟިއްޔާ ވަކި ގޮތަކަށް ނިމެންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް އަންގަންދެން އެމްއެމް ޓްރޭޑާސް އިން ކަނޑާފައިވާ ކަރަންޓްގެ ހިދުމަތް ވަގުތުން ދިނުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށް، އެ އަމުރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ