މިހާރު ކުރިއަށްދާ މުޒާހަރާގައި ޖޭޕީއިން ބައިވެރިނުވޭ، އަދި ނުވެސް ވާނެ - ގާސިމް

މިހާރު އެމްޑީޕީއިން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާގައި ޖުމްހޫރީ ޕާޓީން ބައިވެރިނުވާ ކަމަށާއި އަދި ބައިވެރި ނުވެސްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު މުޒާހަރާގެ ބައިވެރިން ދަނީ ގާސިމަށް ސަރުކާރުން ދެމުންގެންދާ އަނިޔާތަށް ހުއްޓާލުމަށް ގޮވާލަމުންނެވެ.
ޖޭޕީއިން މުޒާހަރާގައި ބައިވެރިނުވާއިރު މި މުޒާހަރާގައި ޖޭޕީގެ މެންބަރު އަލީ ހުސެއިން ވަނީ ވާހަކަ ދައްކަވާފައެވެ. އަލީ ހުސެއިން ވިދާޅުވެފައިވަނީ މަގުމައްޗަށް ނިކުމެތިބީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި އެއްވެތިބީ ގާނޫނު އަސާސީގެ ދަށުން ކަމަށެވެ.
"މި މަޖީދީ މަގު މި ޗާންދަނީ މަގު ބަލާލީމަ އެބަ އެނގޭ ގިނަ ރައްޔިތުންތަކެއް ގަބޫލުނުކުރާކަން މި ސަރުކާރުގެ އަނިޔާވެރިކަން." އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.
ޖޭޕީއިން ކުރިންވެސް ވަނީ މިހާރު ގައުމީ ހަރަކާތުންކުރާ އެއްވެސް ކަމެއްގައި ޖޭޕީގެ ޕޮޒިޝަނެއް ނޯންނާނެ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރ ވިދާޅުވެފައިވަނީ ޖޭޕީއިން އެއްވުމުގައި ބައިވެރިނުވި ނަމަވެސް ޖޭޕީގެ ބައެއް މެންބަރުން ގައުމީ ހަރަކާތާއެކު ތިބި ކަމަށެވެ. އެގޮތުން ޖޭޕީގެ ނައިބު ލީޑަރ އަމީން އިބުރާހިމް އެ ހަރަކާތާއެކު ހުންނެވި ކަމަށާއި މި އެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ކަމަށްވެސް އިބޫ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ