ސަރުކާރުން ނަޝީދު ދޫކޮށެއް ނުލާނެ - އުމަރު

މި ސަރުކާރުން، ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްނުލާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީގެ ލައިވް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެއްވެސް ޤައިދީއަކު ދޫކޮށްލުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރގެ ވާހަކައިގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހަމަނުޖެހުން ހިންގަން އެއްވެސް ބޭފުޅަކު ނޫޅުމަށް ވަނީ އިލްތިމާށް ކުރައްވާފައެވެ. އުމަރު ވިދާޅުވީ ދައުލަތް ހިމާޔަތް ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށާއި ފިޔަވަޅު އެޅުމަށް ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ މުޒާހަރާގެ ސަބަބުން އެއްވެސް ކަހަލަ ޕްރެޝަރެއް ނެތް ކަމަށާއި، ސަރުކާރުން ތިބީ އިދިކޮޅު ފަރާތްތަކާއި ވާހަކަ ދެއްކުމަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް ގަދަކަމުން މޭޒެއްގެ ދޮށަށް ސަރުކާރުން ނުދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"ސަރުކާރުން އަބަދުވެސް އޮތީ ތައްޔާރަށް ވާހަކަ ދައްކާ ހަދާގޮތަށް. ނަމަވެސް ގަދަކަމުން މޭޒެއްގެ ދޮށަށް ސަރުކާރުން ނުދާނެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ނުވަތަ އެހެން ބަޔަކާވެސް މަޝްވަރާ ކުރަން އޮންނާނީ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށް ކަމަށެވެ.
"އިދިކޮޅު ފަރާތްތަކާވެސް އެހެން މީހުންނާވެސް ދައްކާނެ. އެކަމަކު ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމާ ގުޅޭގޮތުން މި ސަރުކާރުން ދައްކާނެ އެއްވެސް ވާހަކައެއް ނުއެއް ނެތް. އަދިވެސް މި ދަންނަވަނީ މުހައްމަދު ނަޝީދު މި ސަރުކާރުން ދުލެއް ނުކުރާނެ. މި ސަރުކާރުން މި ގެންދަނީ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން." އުމަރު ވިދާޅުވިއެވެ.
ފުލުހުންއި ސިފައިންނަށް ފުރިހަމަ އިޚްތިޔާރާ ބާރު ދެވިފައިވާ ކަމަށް އުމަރު ވިދާޅުވި އިރު، މިރޭގެ މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާ ކުރިމަި ލުމުން ވަނީ ކަރުނަ ގޭހާއި، ޕެޕަ ސްޕްރޭ ބޭނުންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ