ބީޖީ ބަލިކޮށް ނިއުރޭޑިއަންޓް ތާވަލްގެ އެއްވަނައަށް
ހަތަރެއް އެކަކުން ބީޖީ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނައަށް ނިއުރޭޑިއަންޓް ޖެހިލައިފިއެވެ. މެޗަށް ނިއު ނުކުތްއިރު، މިއަދު ހަވީރު 2-0 އިން ވެލެންސިއާ ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.ބީޖީ އަތުން ނިއުު މޮޅިވި މެޗުގެ ފުރަތަމަ ލަނޑު ނިއުއަށް ޖަހައިދިނީ އަލީ ފާސިރުއެވެ. އޭނާ މި ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ބީޖީން ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ބީދޭސީ ފޯވާޑް ޑޭވިޑްއެވެ. ފުރަތަމަ ހާމް ނިމުނީ ދެ ޓީމް އެކެއް އެކަކުން އެއްވަރުވެގެންނެވެ. މެޗުގެ ދެވަނަ ހާފްގައި ނިއުރޭޑިއަންޓަށް މެޗުގައި ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ކެޕްޓަން އައްސަދު އަލީއެވެ. ނިއުރޭޑިއަންޓްގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ބިދޭސީ މިޑްފިލްޑަރ ވިލިއަމްއެވެ. ނިއުއިން މެޗުގައި ޖެހި ފަހު ލަނޑުވެސް ޖަހައިދިނީ ވިލިއަމްއެވެ.ނިއުރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗް އަޝްރަފް ލުތުފީ ބުނީ ބޭނުންވި ރޭވުންތަކާއި އެއްގޮތަށް އޭނާގެ ޓީމުން ކުޅުނު ކަމަށާއި، މެޗުން މޮޅުވީ ހުރިހާ ކުޅުންތެރިންވެސް ބޭނުންވި ގޮތަށް ކުޅުމުންކަމަށެވެ. އޭނާ ބުނީ ނިއުރޭޑިއަންޓަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށާއި، އެ ޓީމްގެ އަސްލު ފެންވަރުގައި ކުޅެފިނަމަ ބަލި ނުކުރެވޭނެ ޓީމެއް ނޯންނާނެކަމަށެވެ. "ރޭވުންތަކާއި އެއްގޮތަށް ޓީމް ކުޅުނީ. ވަރަށް ހިތްހަމަ ޖެހޭ ޓީމުން ދެއްކި ކުޅުމާއިމެދު. ނިއުއަށް އިނގޭ އެޓީމްގެ ފެންވަރު. އެހެންވީމަ އެއްވެސް ޕްރެޝަރެއް ނެތި ކުޅެނީ." އަޝްރަފް ލުތުފީ ބުންޏެވެ. މެޗުން ބަލިވި ބީޖީގެ ކޯޗް ޝާޒްލީ ބުނީ މެޗަށް ނިކުތްއިރު ނިއުރޭޑިއަންޓަށް ދެ ހަފްތާ ރެސްޓް ކުރަން ލިބުނުކަމަށާއި، ބީޖީއަށް ލިބުނީ އެންމެ ދެ ތިން ދުވަސްކަމަށެވެ. ޝާޒްލީ ބުނީ މެޗަށް ނިކުތްއިރުވެސް ޓީމް އޮތީ ވަރަށް ވަރުބަލިކޮށްކަމަށާއި، ކުޅުންތެރިން މެޗުގައި ވަރަށް ހިތްވަރުކުރިކަމަށެވެ. "މުބާރާތުގެ ޝެޑިއުލް ހަމަހަމަ ނަމަ ބީޖީން ނިއުއަށް ރަނގަޅު ފައިޓެއް ދޭނެ. ކުޅުންތެރިން ވަރަށް ހިތްވަރު ކުރި. އެކަމަކު ތިން ދުވަހުގެ ރެސްޓަށްފަހު ކުޅުނީމަ ތަފާތު މި ފެންނަނީ" ޝާޒްލީ ބުންޏެވެެ.ބީޖީގެ ކުޅުންތެރިންނަށް ނުވަދިހަ މިނެޓް އެއްފެންވަރެއްގައި ނުކުޅެވޭނެކަން ނިއުރޭޑިއަންޓްގެ ކުޅުންތެރިންނަށް އިނގޭނެކަމަށާއި، މެޗުގައި ނިއުރޭޑިއަންޓްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތުވެސް ފެނިގެންދިޔަކަމަށް ކޯޗް ޝާޒްލީ ބުންޏެވެ. މި ނަތީޖާއާއިއެކު ނިއުރޭޑިއަންޓްވަނީ ލީގް ތާވަލްގެ އެއްވަނައަށް އަލުން ޖެހިލާފައެވެ. ދެ ޕޮއިންޓް ފަހަތުން ތާވަލްގެ ދެވަނާގައި އޮތީ ޓިސީ ސްޕޯޓްސްެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ