އަބްދުﷲ ރިޔާޒު ނުފޫޒު ފޯރުވިކަމަށް ބުނާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.
އާދިއްތަ ދުވަހުގެ 12:00 އަށް ކްރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލް ކޮށްފައިވާއިރު، އެ އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުންގެ ނަން ނޯޓު ކުރުމަށްފަހު ކެންސަލް ކުރި ސަބަބެއް ކުރިމިނަލް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ. 
މި މައްސަލާގައި މީގެ ކުރިން އިބްތިދާއީ އަޑުއެހުންތަކެއް ވަނީ ބާއްވާފައި ވެއެވެ. އަދި މީގެ ކުރިން ތާވަލް ކުރި ބައެއް އަޑުއެހުންތައް ކެންސަލްކޮށްފައި ވެސް ވެއެވެ.
ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ވެސް އަދާކުރައްވާފައިވާ ރިޔާޒުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި ދައުވާގެ އިތުރުން ވެސް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވާއިރު، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރެއްގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ އެއްވެސް ވަނީ ކޮށްފައެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.
މީގެއިތުރުން، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ރިޔާޒްގެ މައްޗަށް މިހުކުމް ކުރީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމަށް ފަހު އެވެ. 
ރިޔާޒުގެ މައްޗަށް ކުރި އެހުކުމާއި ގުޅިގެން، ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ކުރިމިނަލް ކޯޓުން ސާބިތު ނުވާ ކަމަށް ނިންމާފައިވާ މައްސަލައެއް ކަމަށާއި  އެހުކުމަކީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރުގެ ބާރާނުފޫޒުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ސިޔާސީ މަގުސަދުތައް ހާސިލު ކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ