ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރަކަށް އާދަމް މުހައްމަދު

ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރަކަށް، އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސާކިއުލާއެއްގައިވާ ގޮތުގައި، ޗެމްބަރުގެ ފަނޑިޔާރެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް ހަމަޖެއްސީ، އެކޯޓުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެ ގޮތުން، އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ފަނޑިޔާރު އާދަމް ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން ކޯޓުގައި ހިނގާ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުމާއި، ވަކީލު ބަދަލުކުރަން ނުވަތަ މައްސަލައިން ތަނާޒުލްވާން ހުށަހެޅުމުން ގޮތް ނިންމުމާއި، މައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމާނީ ޗެމްބަރުގެ ފަނޑިޔާރެެވެ.
މީގެ އިތުރުން، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތައް ހުށަހެޅުމުގެ ހުއްދަދިނުމާ މެދު ގޮތެއް ނިންމުމާއި، ކަފާލާތުގެ މައްސަލަތަކާ މެދު ގޮތް ނިންމުމާއި، ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމަކީ ވެސް ޗެމްބަރުގެ ފަނޑިޔާރުގެ މަސްއޫލިއްޔަތެއް ކަމަށް ގަވާއިދުގައި ބުނެއެވެ.
ސުޕްރީމް ކޯޓުގެ ޗެމްބަރުގެ ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރެއްވުމުގެ ބާރު އޮންނަނީ ހަމައެކަނި، ރާއްޖޭގެ އަދުލު އިންޞާފުގެ ބާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ވަގުތަކު، އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވާ ބޭފުޅަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ