އިންތިހާބުގައި ޑީއާރްޕީއަށާއި ޕީއޭ އަށް ލިބުނު ކާމިޔާބީއަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކާމިޔާބެއް: ޒައީމް މައުމޫނު

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި އާންމު އިންތިޚާބުގައި، ޑީއާރްޕީއަށާއި ޕީއޭ އަށް ލިބުނު ކާމިޔާބީއަކީ ވަރަށް ބޮޑު، ވަރަށް ހިތްހަމަޖެހޭ ކާމިޔާބީއެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އަދި ޑީއާރްޕީގެ ޒައީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު އެ ދުވަހު އަމިއްލަފުޅު ދަތުރެއްގައި އިންޑިޔާ އަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން މިއަދު މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ހުންނަވާ ރައީސް މައުމޫނު ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އިންތިހާބުގައި ގޮނޑި ކާމިޔާބުވި މިންވަރަށްވުރެ ވެސް ގިނައިން ކާމިޔާބުކުރެވެން ޖެހޭނެ ކަމަށާއި މި ލިބުނު ކާމިޔާބީއަކީ ވެސް ވަރަށް ބޮޑު އަދި ވަރަށް ހިތްހަމަޖެހޭ ކާމިޔާބީއެއް ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ބައެއް ރަށްރަށުގެ ކަންތައް ހުންނަ ގޮތުން އުންމީދުކުރި ވަރަށް ގޮނޑި ހާސިލު ނުކުރެވުނަސް މިއީ ޑީއާރްޕީއަށާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކަށް ވަރަށް ކާމިޔާބު އިންތިންތިހާބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިންތިހާބުގައި ދިވެހި ރައްޔިތުން ދެއްކި ހަރުދާނާކަމަށް ޝުކުރު އަދާކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، ޑީއާރްޕީ އާއި ޕީއޭ އަދި ގުޅިފައިވާ ފަރާތްތަކުން ދެއްކި ވާހަކަތަކަކިީ ރައްޔިތުންގެ ހެވާއި ލާބަ އަށް ދެއްކި ވާހަކަތަކެއް ކަމަށް ރައްޔިތުން ގަބޫލުކޮށްފައިވާކަން އިންތިހާބުގެ ނަތީޖާ އިން ސާފުކޮށް ފެންނަ ކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ، ކޮންމެ ޕާޓީއަކުން ވެސް އުންމީދުކުރަނީ ވީހާ ވެސް ގިނަ ގޮނޑި ހޯދަންކަމަށާއި ނަމަވެސް ތަފާތު ގޮތްތައް މެދުވެރިވާ ކަމަށެވެ. ބޮޑު ދެ ޕާޓީގެ އިތުރުން އެހެން ޕާޓީތަކާއި ވަރަށް ގިނަ މިނިވަން ކެންޑިޑޭޓުން އިންތިހާބަށް ކުރިމަތިލީއިރު ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ އަމިއްލަ ސިޔާސީ ކަންތައް ހުންނާނެތީ ކޮންމެ ޕާޓީއަކުން އެދޭ އެންމެ ފުރިހަމަކޮށް އެކަން ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މި އިންތިހާބުގެ މިނިވަންކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މައުމޫނު ވިދާޅުވީ އިންތިހާބުގައި ބައެއް މައްސަލަތައް ހުރިއިރު ބައެއް ފޮށިތަކުގައި ވަރަށް ބޮޑެތި މައްސަލަތައް ހުރިކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ.
"ގިނަ ތަންތާނގާއި ރަނގަޅަށް ދިޔަކަމަށް ވަންޏާ ދެން ރަނގަޅު. އެހެންވީމާ ކުއްލިއަކަށް އަޅުގަނޑަކަށް ދަންނަވާލާކަށެއް ނޭނގޭނެ އިންތިހާބުގައި ހުރިހާ ދިމާއެއްގައި ދިޔައީ މިނިވަންކޮށް ކަމަކަށް. ހަމަ ޔަގީނުން ވެސް ބައެއް ދިމަދިމާގައި ވަރަށް ގިނަ ގޯސްތައް ހިނގާފައި އެބަހުރި. އޭގެ ސަބަބުން މުޅި އިންތިހާބަށް އޮތީ ހިޔަނި އެޅިފައި،" ރައީސް މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫނު މާލެ ވަޑައިގަތުމުން ހުޅުލޭގައި މުޒާހަރާކޮށް އެ މަނިކުފާނު ހައްޔަރުކޮށް ޖަލަށް ގެންދާނެ ކަމަށް ބުނެ އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކެއް މުޒާހަރާއެއްކޮށްފައިވާތީ ރައީސް މައުމޫނު ވިދާޅުވީ، އެކަމާމެދު އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި އެ މީހަކަށް ފެންނަ އެއްޗެއް ބުނުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ރައީސް މައުމޫނު މިއަދު މެންދުރު މާލެ ވަޑައިގަތް އިރު ވަރަށް ގިނަ އަދަދެއްގެ މީހުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހުޅުލެ އަށް ދިޔަ އެވެ. އަދި މާލޭ ރަސްމީ ފާލަން ދޮށާއި ޖުމްހޫރީ މައިދާން ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވި އެވެ. އޭގެ ތެރޭގައި ޑީއާރްޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނާއި ރައީސް މައުމޫނުގެ ސަރުކާރުގައި އިސްކޮށް އުޅުއްވި ވެރިންނާއި އަދި މިދިޔަ އިންތިހާބުގައި ޑީއާރްޕީން ވާދަކޮށް ހޮވިވަޑައިގެންނެވި ފަރާތްތަކާއި ހޮވިވަޑައިނުގަންނަވާ ބޭފުޅުން ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ