ވެބް ނޫހެއްގެ ގޮތުގައި ހަވީރު އޮންލައިން ރަޖިސްޓްރީކޮށްފި

ހަވީރު ނޫހުގެ ވެބްސައިޓް (ހަވީރު އޮންލައިން) އޮންލައިން ނޫހެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރަޖިސްޓްރީކޮށްފި އެވެ.
އޮންލައިން ނޫހެއްގެ ގޮތުގައި، ހަވީރު އޮންލައިން ރަޖިސްޓްރީކޮށްދެއްވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޑރ. މުހައްމަދު ޒާހިރު ހުސައިންގެ މަސްއޫލުވެރިކަމުގެ ދަށުގައި އަދި ޑރ. އަލީ ރަފީގުގެ އެޑިޓަރުކަމުގައި ހަވީރު އޮންލައިން ރަޖިސްޓްރީ ކޮށްފައިވަނީ ދުވަހުން ދުވަހަށް މައުލޫމާތު އާކުރާ (އަޕްޑޭޓްކުރާ) ނޫހެއްގެ ގޮތުގަ އެވެ.
ހަވީރު ނޫހުގައި ޝާއިއުކުރާ ޚަބަރުތަކާއި ރިޕޯޓްތައް ހިމަނައިގެން އެންމެ ފުރަތަމަ ހަވީރު އޮންލައިން "ހަވީރު ނެޓް"ގެ ނަމުގައި ޝާއިއުކުރަން ފެށީ އިންޓްރާނެޓް ނޫހެއްގެ ގޮތުގައި 1994 ވަނަ އަހަރު އެވެ. އޭރު ރާއްޖެ އަށް އަދި އިންޓަނެޓް ތައާރަފެއް ނުކުރެ އެވެ. ނަމަވެސް 1996 އޮކްޓޫބަރުގައި ދިރާގުން ރާއްޖެ އަށް އިންޓަނެޓް ތައާރަފްކުރުމާ ގުޅިގެން، ޖެހިގެން އައި 1997 ވަނަ އަހަރު ހަވީރުގެ ވެބްސައިޓް ލޯންޗްކުރެވުނެވެ. އެ ވެބްސައިޓް އެންމެ ފުރަތަމަ ގާއިމްކޮށްފައި ހުރީ އެމެރިކާގެ ވެބް ސާވާއެއްގަ އެވެ. އޭރު ހަވީރު އޮންލައިންގެ ވެބް ސްޕޭސް އަކީ 2 މެގަ ބައިޓް އެވެ.
މިހާރު އެވްރެޖް ގޮތެއްގައި މަހަކު 45 މިލިއަން ހިޓްސް ލިބޭ ހަވީރު އޮންލައިން 2000 ވަނަ އަހަރުން ފެށިގެން ހޯސްޓްކޮށްފައިވަނީ، ދިވެހި ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުގަ އެވެ.
ހަވީރު ވެބްސައިޓް ލޯންޗްކުރެވުނު އިރު އިންޓަނެޓްގައި ބޭނުންކުރާނެ އެކަށޭނަ ދިވެހި ފޮންޓެއް ނެތުމާ އެކު އޭރު ހަވީރު ވެބްސައިޓަށް ޚަބަރުތައް ލާފައިވަނީ ގްރެފިކް އިމޭޖެއްގެ ގޮތުގަ އެވެ.
ނަމަވެސް ވެބްގައި ބޭނުންކުރުމަށް 2000 ވަނަ އަހަރު ހަވީރުން ޚާއްސަ ފޮންޓެއް ތައްޔާރުކޮށް އެ ފޮންޓް ބޭނުންކުރަން ފެށުމުން، ޓެކްސްޓްގެ ގޮތުގައި ޚަބަރުތައް ޝާއިއުކުރަން ފެށުނެވެ. މި ބަދަލާ އެކު ހަވީރު އޮންލައިން އަޕްޑޭޓްކުރުމުގަ އާއި ބްރައުޒް ކުރުމުގައި ލިބުނު ފަސޭހަކަމާ އެކު މި ވެބްސައިޓަށް ޒިޔާރަތްކުރާ މީހުން އަދަދު އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ.
ހަވީރު އޮންލައިންގައި މައިގަނޑު ގޮތެއްގައި ހުންނަނީ ހަވީރުގެ ޚަބަރުތައް ކަމުގައި ވިޔަސް، ވަގުތުން ކަވަރުކުރަންޖެހޭ މުހިންމު ހާދިސާތަކާއި ކަންތައްތައް، ނޫހަށް ވުރެ އަވަހަށް އޮންލައިންގައި ކަވަރުކުރަމުންދެ އެވެ.
ހަވީރު އޮންލައިން އެޑިޓަރު ހާމަކުރައްވާ ގޮތުގައި މި ގޮތަށް ހަވީރު އޮންލައިން ވަކި ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ބޭނުމަކީ، ޚަބަރުތައް ވަގުތުން ވަގުތަށް ކިޔުންތެރިންނަށް ގެނެސްދިނުމެވެ. އަދި މި ބަދަލާ އެކު ހަވީރު އޮންލައިން ވެބްސައިޓްގައި އެކި ކަންކަމާ ގުޅޭ ވީޑިއޯ ކްލިޕްތައް ވެސް ގެނެސްދެވޭނެ އެވެ. ހަމަ އެފަދައިން މި ވެބް ނޫހުގައި ކިޔުންތެރިންގެ ތެރެއިން ހިއްސާކުރާނެ ލިޔުންތެރިން ވެސް ކުރިމަގުގައި ތިބޭނެ އެވެ. ޚަބަރާއި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން މީގެ ކުރިން ގެނެސްދިން ހަވީރު ބަހުސް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. އަލީ ރަފީގު ވިދާޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ