އެމްއީއެސްގެ ފީ 700ރ. އަށް ހަމަޖެއްސި ނަމަވެސް ފީ ބޮޑުނުކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފި

އެމްއީއެސްގެ މަހު ފީ ކުއްޖަކަށް 700ރ. އަށް އެ ސްކޫލުން ހަމަޖެއްސި ނަމަވެސް ފީ ބޮޑުނުކުރެވޭނެ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން ބުރާސްފަތިދުވަހު ބުނެފި އެވެ.
މާލޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ސްކޫލްގެ ފީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރުމަށް ހުށަހަޅާފައި ވަނިކޮށް ފީ ބޮޑުނުކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ނިންމީ ފީ ބޮޑުކުރަން ހުށަހަޅަން ޖެހޭ ދުވަހަށް ވުރެ ވުރެ ލަހުން އެކަން ހުށަހެޅުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިޔުކޭޝަނުން ހަމަޖައްސާފައިވާ ގޮތުން ފީ ބޮޑުކުރާ ނަމަ އޮކްޓޫބަރު މަހުގެ ކުރިން އެކަން އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.
އެހެން ނަމަވެސް އެމްއީއެސްގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ އެ ސްކޫލުގެ ކިޔެވުން "އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށް" ކުއްޖެއްގެ އަތުން 700ރ. ނެގުމަށް ހަމަޖައްސައި، އެކަން ބެލެނިވެރިންނަށް ވެސް އާއްމުކޮށް އަންގާފައިވާ ކަމަށެވެ. އެ ގޮތުން ކުރިން ނަގަމުން އައި 250ރ.ގެ ފީ ބޮޑުކުރަން ނިންމީ ސްކޫލުގެ ކިޔެވުން އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރާތީ ކަމަށް އެމްއީއެސް އިން ބުންޏެވެ. އެހެން ނަމަވެސް އިތުރު ތަފްސީލު ހަވީރަށް ދެއްވަން ބޭނުން ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ފޯނު ކަނޑުއްވާލައްވައިފަ އެވެ.
އެމްއީއެސް ގްރޭޑް 10 ގައި މިއަހަރު ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނީ އެ ސްކޫލުގެ ކިޔެވުން އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރާނެ ކަމަށް ސްކޫލުތައް ފެށުމުގެ ކުރިން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި ސްކޫލުގެ ފީ ބޮޑުވާނެކަން އެނގޭތީ ބައެއް ކުދިން ސްކޫލުން ކެނޑި އެހެން ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށް ވެސް ހަވީރަށް އެނގިފައިވެ އެވެ. އެކަމަކު ސްކޫލުގެ ފީ 700ރ. އަށް ބޮޑުކުރާނެކަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ސްކޫލުތައް ހުޅުވުނު ފަހުންނެވެ. އެމްއީއެސްގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަދުވަހު އެވެ.
މަންދު ލާނިން ސެންޓަރާ ގުޅިގެން އެމްއީއެސްގެ ކިޔެވުން އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކުރިއިރު އެ ސްކޫލުގައި ކިޔަވައިދޭން ހަމަޖެހިފައިވަނީ ހަމައެކަނި ސެކަންޑަރީ ގްރޭޑްތަކަށެވެ. އެހެންކަމުން އެ ސްކޫލުގައި ކުރިން ކިޔަވައިދެމުންދިޔަ ގްރޭޑް ހަތެއް އުވާލާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެކަން ސްކޫލަކުން ކަށަވަރެއް ނުކޮށްދެ އެވެ.
އަހުމަދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އެ ސްކޫލުގެ އެންމެ ދަށް ކްލާސްތަކުން ފެށިގެން 10 ވަނަ ގްރޭޑާ ހަމައަށް ފެބްރުއަރީ 1 އިން ފެށިގެން އެކި މިންވަރަށް ފީ ބޮޑުކުރާނެ ކަމަށާއި އެކަމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށެވެ. އެގޮތުން އެލްކޭޖީ އާއި ޔޫކޭޖީގެ ފީ 50ރ. އިން 75ރ. އަށް، ނާސަރީ ފީ 70ރ. އިން 100ރ. އަށް، ބޭބީ ނާސަރީގެ ފީ 100ރ. އިން 150ރ. އަށް، ގްރޭޑް ،6 7ގެ ފީ 225ރ. އިން 300ރ. އަށް، އަދި ސާނަވީ ގްރޭޑްތަކުގެ ފީއަށް ކުރިން 300ރ. ދައްކަން ޖެހުނު ނަމަވެސް ގްރޭޑް ،8 9ގެ ކުދިންގެ ފީ ވަނީ 350ރ. އަށް ބޮޑުކޮށްފަ އެވެ. އޭގެ އިތުރުން ގްރޭޑް ދިހައެއްގެ ފީ ވަނީ 400ރ. އަށް ބޮޑުކޮށްފައި ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
ރަޝީދު ވިދާޅުވީ ފީ ބޮޑުކުރަން ނިންމީ ދަރިވަރުންނަށް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ސްކޫލަށް ބޭނުންވާނެ ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމާއި އިތުރު ގަޑީގައި ކިޔަވައިދޭ ޓީޗަރުންނަށް މުސާރަ ދޭނެ ފައިސާ އިތުރަށް ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް. އެހެން ނަމަވެސް އެކަމަށް ރަނގަޅު ހިދުމަތްތަކާއި ފެންވަރު ރަނގަޅު ޓީޗަރުން ބޭނުންވޭ. މިހާރު ނަގާ ފީއަކުން އެ ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދޭން ވަރަށް ދަތިވޭ،" ރަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ