މައުމޫނަށް ބިރު ދެއްކިޔަސް އެ މަނިކުފާނު އެންމެ އިންޗިއެއް ވެސް ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވާނެ: އިލްހާމާއި އުމަރު

ރައީސް މުހައްމަދު ނަޝީދު ކިތަންމެ ވަރަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބިރު ދެއްކެވި ނަމަވެސް "އެންމެ އިންޗިއެއް" ވެސް އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދާއި އެ ޕާޓީން ވަކިކުރަން ނިންމާފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވުމަށް މައުމޫން މާލެ ވަޑައިނުގެންނެވުމަށް ރައީސް ނަޝީދު ރޭ ގޮވާލައްވާފައިވާތީ އެކަމަށް ރައްދު ދެއްވައި އިލްހާމާއި އުމަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅުގައި މައުމޫނަށް ބިރު ދެއްކެވުމުގެ ގޮތުން އެ މަނިކުފާނަށް "މަރުގެ އިންޒާރު" ދެއްވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
"އެ މަނިކުފާނުގެ ހަށިކޮޅަށް ގެއްލުމެއް ދޭން އަންނަ މީހަކު އަންނަންވާނީ އަޅުގަނޑުމެންގެ މަރުވެފައިވާ މަސްގަނޑުގެ މަތީގައި ހިނގާފައި ކަމުގައި ދަންނަވަމެވެ. މުހައްމަދު އަމީންގެ ހަށިކޮޅަށް ބަޔަކު ގެއްލުންދިން މިސާލު ޖައްސަވާ ވާހަކަ ދެއްކެވިއިރު ރައީސް ނަޝީދު ހުންނެވީ ހަމަ ހޭގަތޯ ބެއްލެވުމަށް ދިވެހި ފުލުހުންނަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" ގެމަނަފުށީ ދާއިރާގެ އިލްހާމް އަދި އުމަރު ވިދާޅުވި އެވެ.
އެ ދެ ބޭފުޅުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ސިޔާސީ ޕާޓީތަކުގައި ހަރަކާތްތެރިވުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާތީ، ޑީއާރުޕީގެ ޒައީމް ވެސް ބޭނުންފުޅު ވަގުތެއްގައި އެ ހައްގުގެ ބޭނުން ހިއްޕަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"ބިރު ދެއްކުމުގެ ގޮތުން މީހަކު ބުނާ އެއްވެސް އެއްޗަކަށް މި ޕާޓީގެ ޒައީމް ބިރު ގަނެ ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ. "މި ސަރުކާރުގެ އުމުރުން ދެ އަހަރު ފުރުނުއިރު، މުޅި ގައުމުގެ އިގުތިސޯދު ފޭލްވެ، ދީން ފުނޑުފުނޑުވެ ގައުމިއްޔަތު ވެއްޔާ މޮޑެވެމުންދާ މި ދަނޑިވަޅުގައި މުޅި ގައުމު އިންތިޒާރު ކުރަނީ ޒައީމް މައުމޫން ފަދަ ތަޖުރިބާކާރަކު މި ގައުމުގެ ހުންގާނުގައި ހިއްޕަވައި މި ގައުމު އަލުން ހަމަ މަގަށް އަޅުއްވައި ދެއްވާނޭ ދުވަހަކަށެވެ."
އުމަރާއި އިލްހާމް ވަނީ މައުމޫން އަނބުރާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް ތަކުރާރުކޮށް މި ބަޔާނުގައި އަނެއްކާ ވެސް ގޮވާލައްވައިފަ އެވެ. އަދި އެ ބޭފުޅުން ވިދާޅުވީ ބިރު ދައްކައިގެން މައުމޫން ސިޔާސީ މައިދާނުން އެކަހެރި ކުރެއްވިދާނެ ކަމަށް ބަޔަކު ހީކުރާނަމަ އެއީ ބޯދާ އަދި ކުށްހީއެއް ކަމަށެވެ.
"އަދި ޒައީމް ދިފާއު ކުރުމުގައި ޑީއާރުޕީގެ ހުރިހާ މެމްބަރުންނާއި ދިވެހި ރައްޔިތުން މި ތިބީ ވަރަށް ސާބިތުކަމާ އެކު ޒައީމްގެ ދިފާއުގައި ކަމުގެ ޔަގީންކަން އަރުވަމެވެ،" އިލްހާމާއި އުމަރު ވިދާޅުވި އެވެ.
މާލޭގެ ކައުންސިލްކަމަށް އެމްޑީޕީން ވާދަކުރައްވާ މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުގެ ކެމްޕޭން ފެށުމަށްޓަކައި އާދަމް މަނިކުގެ "ވެށި ފަހި" ޖަގަހައިގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މައުމޫނު އަލުން ސިޔާސީ މައިދާނަށް ނުކުންނަވަން އުޅުއްވާ ވާހަކަ އަޑުއިވިވަޑައިގަންނަވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މައުމޫނު އަލުން ސިޔާސީ މައިދާނަން ނުކުންނެވުމަކީ ރައްޔިތުންގެ އިހްސާސްތަކާ ކުޅުއްވުން ކަމަށާއި އެހެން ހައްދަވައިފި ނަމަ ކަންކަން ހިފަހައްޓަން އެ މަނިކުފާނަށް ވެސް އުނދަގޫވެވަޑައިގެންފާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް މައުމޫނު އަރިހުގައި އަޅުގަނޑު ދަންނަވަން އޮތީ ރައީސް މައުމޫނޭ އެހެން ނުހައްދަވާށޭ. މި ރާއްޖޭގެ ރައްޔިތުންގެ އިހްސާސްތަކާ ކުޅުއްވަން ނުހައްދަވާށޭ. އެހެން ހެއްދެވީމާ ގުޑާއިރު އަޅުގަނޑަށް ވެސް ހިފަހައްޓާލަން އުނދަގޫވާނޭ. އަޅުގަނޑަށް ވީ މިންވަރަކުން ހިފެހެއްޓޭނީ. ރައީސް މައުމޫނުގެ ސަލާމަތަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން. އެހެހެން ނަމަވެސް އަޅުގަނޑު އިހްލާސްތެރިކަމާއެކު ރައީސް މައުމޫނު އަރިހު އެދެން އެހެން ނުހައްދަވާށޭ. ސިޔާސީ ކަންކަމުގައި ބައިވެރިވަޑައިގަންނަވަން ރާއްޖެ ވަޑައިގަންނަވާ ވާހަކަ ދައްކަވާކަމަށް ވަނީވިއްޔާ ދެން ހަމަ އަނެއްކާ ވެސް އަޅުގަނޑުމެންނަށް ބޮޑަށް ފެނުން ގާތީ މިރާއްޖޭގެ ތާރީހު އަލުން އެބުރި އިޔާދަވާތަނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިން ވެރިކަންކުރައްވާފައިވާ ބައެއް ބޭފުޅުން ބޭރުގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގަންނަވާ ވަގުތު ބައެއް ބޭފުޅުން އަވަހާރަވެފައި އެބަހުރި ކަމަށާއި އަނެއްބައި ބޭފުޅުން މުޅި ހަޔާތް އެކީ ބަރުބާދުވެފައި އެބަހުރި ކަމަށެވެ.
"އެއީ އަޅުގަނޑުމެން އެކަކުވެސް ދެކެން ބޭނުންވާ ތަނެއް ނޫން. އެއީ އެއްގޮތަކަށް ވެސް ދެކެން ބޭނުންވާ ތަނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ