ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގަތުމާ ގުޅިގެން ފޮރިން މިނިސްޓަރު ކަމުން މިއަދު އިސްތިއުފާ ދެއްވި ނަމަވެސް އަބަދުވެސް ހުންނަވާނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ އެކު އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށް ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް. އަޅުގަނޑަކީ އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް. އަޅުގަނޑު ހުންނާނީ ރައީސް ނަޝީދުގެ ސަރުކާރުގެ ހިދުމަތުގައި. ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އަޅުގަނޑު ހުންނާނީ. މި ސަރުކާރު ދެމެހެއްޓުމަކީ ރާއްޖޭގެ މި ޑިމޮކްރެސީ އަށް ވަރަށް މުހިންމު ކަމެއް،" މިއަދު މެންދުރު 30: 12 ހާއިރު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވި އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ މައްސަލައާ ކުރިމަތިލައްވަން ޖެހިވަޑައިގެން އަދި އެންމެ ފަހު ފަހަރު ހަނި ގޮތަކުން ސަލާމަތްވެވަޑައިގެންނެވި ޑރ. ޝަހީދު ވިދާޅުވީ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެންނެވި ވަޒީރުން އެމަގާމުން އިސްތިއުފާ ދެއްވުމާއި ސުޕްރީމް ކޯޓުގެ ހުކުމާ އެކު ސަރުކާރު އިތުރަށް ހަރުދަނާ ކުރުމަށް ވަރަށް މުހިންމު ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.
"ސަރުކާރު އަލުން ހިނގައިގަނެ ކުރިއަށް ގެންދަން މިއީ ވަރަށް މުހިންމު ފުރުސަތެއް. ހުޅުވިގެން މި ދިޔައީ ވަރަށް ރަނގަޅު ފުރުސަތެއް. މި ބަދަލުގެ ސަބަބުން ސަރުކާރަށް އާ ދިރުމެއް ލިބި ހިތްވަރު އާވާނެ ކަމަށް އަޅުގަނޑު ދެކެނީ. މިއީ ސަރުކާރަށް މުހިންމު ބަދަލުތަކެއް،" ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.
ސަރުކާރުގެ އެއްވެސް މަގާމެއް ގަބޫލުކުރައްވަފާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެކަން ދޫކޮށްލައްވާނީ ރައީސް ނަޝީދަށް ކަމަށާއި އެމަނިކުފާނު ހަވާލުކުރެއްވި ކަމެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ނައިފަރުގައި ވާހަކަ ދައްކަމުން ވެސް ބުނެފައިވާނެ އަޅުގަނޑަށް އެޑްވައިޒަރުކަން ދެއްވައިފިއްޔާ ގަބޫލުކުރާނެ ކަމަށް. އެކަމަކު އެ މަގާމުގެ މުސާރަ އަޅުގަނޑު ބޭނުމެއް ނުކުރާނަން. އެ މަގާމުގެ މުސާރަ އަޅުގަނޑު ހަދިޔާ ކުރާނީ ނައިފަރު ރައްޔިތުންގެ ފަންޑަށް. އަޅުގަނޑު މުސާރަ ބޭނުމެއް ނޫން،" ގައުމީ ޕާޓީގައި ހުންނެވި ދުވަސްވަރު ރައީސް ނަޝީދަށް ވެރިކަން ހޯއްދެއްވައި ދެއްވުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މުހިންމު ވަޒީރުންތަކެއްގެ ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ "ސަރުކާރު ނިކަމެތި ކޮށްލުމަށް" ކަމަށާއި "ސަރުކާރަށް ގޯނާކުރުމަށް" ކަމަށެވެ.
"މީގެ ގެއްލުން ޑީއާރުޕީ އަށް ކުރިއަށް އޮތް ލޯކަލް އިންތިހާބުގައި ކުރާނެ. މިއީކީ ޒިންމާދާރު އޮޕޮޒިޝަނަކުން ކުރާނެ ކަމެއް ނޫންކަން ރައްޔިތުންނަށް މި އިންތިހާބުގެ ތެރޭގައި އެނގޭނެ. މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އުފުއްލަވަމުން ގެންދަވަނިކޮށް އިދިކޮޅު ފަރާތްތަކުން މިކުރީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އަޅުގަނޑު ހުންނާނީ ރައީސް ނަޝީދުގެ ސަރުކާރުގެ ހިދުމަތުގައި: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ