އިންކުއަރީ ކޮމިޝަނަށް އެކަން ކުރެވޭނެ ކަމަކަށް ނުދެކެން: މެމްބަރު ނަޝީދު

މި އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ޖެހިގެން އައި ދުވަހު އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ އެމްޑީޕީން މިހާރުގެ ސަރުކާރަށް ކުރާ ތުހުމަތާ ގުޅިގެން، އެކަން ބެލުމަށް އުފައްދާފައިވާ އިންކުއަރީ ކޮމިޝަނަށް އެކަން ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ ،7 8 ގައި މާލޭގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ހިންގި ހަރަކާތްތަކުގައި އާންމުންނަށް އާދަޔާ ޚިލާފަށް އަނިޔާކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒް މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ދެ ދުވަހުގެ ކަންތައް ބެލުމަށް މިހާރު އުފައްދާފައި އޮތް އިންކުއަރީ ކޮމިޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
"މިހާރު ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީގެ ނަމުގައި މި ހިންގާ ކޮމިޝަނުން މިކަން މި ގޮތަށް ކުރެވިދާނެ ކަމަކަަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ކޮމިޝަނަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް އެ ކޮމިޝަނަށް ހަވާލުކުރަންޖެހޭ އިތުރު ބާރުތައް ހަވާލުކޮށް އެ ކޮމިޝަންގެ ބައިވެރިވުން ވީހާ ވެސް ފުޅާކޮށްގެން ވީހާ ވެސް ގިނަ ސިޔާސީ ފިކުރުގެ މީހުންނަށާއި ގާނޫނީ ފިކުރުގެ މީހުންނަށް ބައިވެރިވެވޭނެ ގޮތް ހަދައިގެން ނޫނީ އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭ ވަރުގެ ހައްލެއް މި ކަމުގައި ލިބޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި މަޖިލީހުގައި ބަހުސްކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ. އެ ބަހުސް މަޖިލީހުގައި ނުކުރެވޭ ނަމަ، އެ ޖަޒުބާތުތައް ނުކުންނާނީ މަގުތަކަށް ކަމަށާއި މި މައްސަލަ މަޖިލީހުގެ ތެރެއިން ވެސް ބެލިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ ،7 8 ގެ ހާދިސާތަކަށް ދެ މަސްދުވަސް ފާއިތުވެގެން ދިޔަ އިރު ވެސް ޖަޒުބާތާ އެކީ އެ ވާހަކަ ދައްކަންޖެހެނީ ކުރަންޖެހޭ މައިގަނޑު ހަމަ އެންމެ ކަމެއް ކުރަން ފަސްޖެހެމުންދާތީ ކަމަށެވެ. އެ ކަމަކީ ފުރިހަމަ އިންސާފުވެރި، ހުޅުވާލެވިފައިވާ، ވީހާ ވެސް ގިނަ ސިޔާސީ ފިކުރު ހިމެނޭ ގޮތަށް، ނުވަތަ ބައިނަލްއަގުވާމީ މުޖްތަމައުގެ ބެލެނިވެރިކަން ވެސް އޮންނަ ގޮތަކަށް، މިކަން ހިނގާފައިވާ ގޮތް ސާފުކޮށް ބަޔާންކޮށް ތަހުގީގުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތަހުގީގުތަކަކީ ބަލައިގަނެވޭ އަދި ގަބޫލުކުރެވޭ އުސޫލުތަކަކުން ހިނގާ ތަހުގީގަކަށް ވާންޖެހޭނެ ކަމަށާއި ރާއްޖޭގެ ބައިބައިވެފައިވާ ސިޔާސީ ފިކުރުތަކަށް ފުރިހަމަ އަށް އިތުބާރުކުރެވޭ މަރުހަލާތަކެއްގެ ތެރެއިން ހިނގާ ތަހުގީގަކަށް ވާންވާނެ ކަމަށެވެ.
"ހިނގައި ދިޔައީ ގޯސްކޮށް ކޮން ކަމެއްތޯ ބަލާށޭ. ގޯސްކޮށް ކަންކުރީ ކޮން ބައެއްތޯ ބަލާށޭ. އެއިން ދަސްވާ ފިލާވަޅުތަކަކީ ކޮބައިތޯ ބަލާށޭ. މިކަން އަޅުގަނޑުމެން ނުކޮށް ކިތަންމެ އަވަހަށް އިންތިހާބެއް ބޭއްވިޔަސް އަދި ދެ އަހަރު ފަހުން އިންތިހާބެއް ބޭއްވިޔަސް، ތާއަބަދަށް މި ރާއްޖޭގައި ފެބްރުއަރީ ،7 8 ގެ ވާހަކަ ޝައްކުގެ ނަޒަރަކުން ނޫނީ ނުދެކޭނޭ. އެކަން ކަނޑައެޅި ނިމެން އެބަޖެހޭ. އަޅުގަނޑުމެންގެ ލޯމަތީގައި ހިނގައި ދިޔަ ކަންތައްތަކާ މެދުގައި އަޅުގަނޑުމެންގެ މެދުގައި މިއޮތީ ސިޔާސީ ފިކުރާއި އާންމު ފިކުރު ބައިބައިވެފައި، ޚިޔާލު ތަފާތުވެފައި،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ޚިޔާލު ތަފާތުވުން އެއްގަލަކަށް ނޭރުވޭނެ ކަމަށާއި އެކަން ކުރެވޭނީ ގަބޫލުކުރެވޭ މަރުހަލާތަކެއްގެ ތެރެއިން ގޮސް އިންސާފުވެރި ނަތީޖާތަކެއް ނުކުމެ އަދި ގާނޫނާއި ގަވާއިދު ވެސް ރާއްޖޭގައި ތަންފީޒް ކުރެވިގެން ކަމަށެވެ. އަދި އެ ގޮތަށް މި ކަން ނުނިންމޭހާ ހިނދަކު އެ ޖަޒުބާތުތައް އޮހެމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް މި މައްސަލަ އަށް ހައްލެއް އަންނާނީ އެކަން ކުރަން ތިބި ފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ގަބޫލުކުރެވޭ ގޮތަކަށް އެކަން ކުރުމުން ކަމަށެވެ. އަދި އެކަން ކުރުމުގައި ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް ވެސް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ހުށަހެޅުއްވި މި ކުއްލި މައްސަލައާ މެދު ބަހުސްކުރުމަށް ފާސްވީ 22 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. މި މައްސަލައިގައި ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިހާރު އޮތީ ބާޣީ ސަރުކާރެއް ކަމަށާއި މި ސަރުކާރުގެ ސައްހަކަން ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާ ކަމަށެވެ. ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެމްބަރުން، ސަރުކާރުގެ ދިފާއުގައި ވާހަކަދެއްކެވި އިރު، އެމްޑީޕީގެ މެމްބަރުން ވަނީ ސަރުކާރަށާއި ސިފައިންނާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ވިދާޅުވީ މިއީ ބަޣާވާތެއް ކަމަށް ނުބުނެވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އެއްވެސް ގޮތަކުން އިސްތިއުފާ ދެއްވައިފި ނަމަ އެ މަގާމާ ހަވާލުވާނީ ނައިބު ރައީސް ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަމަށެވެ.
ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު ވިދާޅުވީ ރާއްޖޭގައި ބަޣާވާތަކުން ވެރިކަން ވައްޓާލައިގެން ނޫޅޭ ކަމަށާއި މި މައްސަލައަކީ 24 ގަޑިއިރު ހަމައިގައި ނުހުންނަ މީހަކު ހަމައިން ނެއްޓިގެން ގޮސް އިސްތިއުފާ ދިނުމުން ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި ޑރ. ވަހީދު ވެރިކަމުގެ ހުވާކުރެއްވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި އެ ކަމާ މެދު ސުވާލެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒް ވިދާޅުވީ ސިފައިން ޔުނީފޯމްގައި ނުކުމެ ބަޣާވާތްކުރި މަންޒަރު ފޮޓޯތަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުހުންނާއި ސިފައިން ގޮސް ޓީވީއެމްގެ ތަޅު ގޮއްވާލައި އެ ތަނުގެ މުވައްޒަފުންނަށް އެކި ގޯނާކުރި ކަމަށެވެ. އަދި އެ ދުވަހު ބައެއް ފުލުހުން ނުކުމެ، ފުލުހުންގެ އެކި އޮފިސަރުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ދުވަހު ސިފައިންގެ ކޮމާންޑަރަކަށް ހުރި، ބްރިގޭޑިއާ އިބްރާހީމް ދީދީ، ރައީސް އަރިހުގައި 30 ސިފައިން ބިޑިއަޅުވައި ހައްޔަރުކުރަން ބޭނުންވާ ވާހަކަ ވިދާޅުވި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެ ދުވަހު ފުލުހުން ބަޣާވާތް ނުކުރާ ކަމަށާއި ފުލުހުން އެދުނުހާ ވެސް ކަމަކީ ގާނޫނާ ޚިލާފު އަމުރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުން ކަމަށެވެ. އެ ޔަގީންކަން ދިނުމުގެ ބަދަލުގައި އެ ފުލުހުންނަށް ހަމަލާ ދޭން ސިފައިން ނެރެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގައި ހުންނެވުމަށް ފަހު މިހާރު ޑީއާރްޕީ އަށް ބަދަލުވެފައިވާ މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ގޮތަކަށް ބުނި ކަމުގައި ވިޔަސް ފެބްރުއަރީ ،7 8 ގައި ފުލުހުން ކުރީ އަނިޔާ ކަމަށެވެ. އެއީ ގާނޫނު އަސާސީން އެއްވެސް ގޮތަކުން ހުއްދަ ދޭ ކަމެއް ނޫން ކަމަށާއި އެ ދުވަހު ފުލުހުން ކުރި އަނިޔާތައް ބަލައި ތަހުގީގުކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށާއި ރައީސް ކުރައްވާ އަމުރަކީ ޣައިރު ގާނޫނީ އަމުރެއްކަން އަމިއްލަ އަށް ކަނޑައެޅުމުގެ ބާރު އެއްވެސް ފުލުހަކަށް ނުލިބޭނެ ކަމަށެވެ.
ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ޗާޓުން ބޭރުވި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ކުރީ ތުހުމަތުތަކެއް ކަމަށާއި އެއިން އެއްވެސް ކަމެއް ސާބިތުކޮށްދީފައި ނުވާ ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އޭނާ ވިދާޅުވީ ރައީސް ގާނޫނާ ޚިލާފަށް ކަމެއް ކުރެއްވިޔަސް، އެހެން މީހުން ގާނޫނާ ޚިލާފުވެގެން ބަޣާވާތް ގެންނަން ނުޖެހޭ ކަމަށެވެ.
މި މައްސަލައިގައި ބަހުސްކުރަން ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ލިބެންދެން ވަގުތު އިތުރުކުރުމަށް ދިއްދޫ ދާއިރާގެ އަހްމަދު ސަމީރު ހުޅަހަޅުއްވައި އަލީ ވަހީދު ތާއީދުކުރެއްވި ނަމަވެސް އެ ކަމަށް ވޯޓު ނެގުމުން ތާއީދު ނުލިބުމުން ބަހުސްގެ ވަގުތު އިތުރެއް ނުކުރެ އެވެ. ވަގުތު އިތުރުކުރަން ފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި ނަމަވެސް ވަގުތު އިތުރުކުރަން ނުފެންނަ ކަމަށް 28 މެމްބަރުން ވޯޓު ދެއްވި އެވެ.
މި ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތު ނިމުމަށް ފަހު، ދެން ކުރިއަށް ގެންދިޔައީ އާބިޓްރޭޝަންގެ ބިލްގެ ބަހުސެވެ. މި ބިލްގެ ބަހުސްގައި ވެސް އާންމު ގޮތެއްގައި މެންބަރުން ދެއްކެވީ، ސަރުކާރުގެ ރަނގަޅު ވާހަކަ އާއި ގޯސް ވާހަކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ