މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ވަނީ އަސާސީ ހިދުމަތެއްގެ ގޮތުގަ އެވެ. އެއާ ނުލާ ނޫޅެވޭނެ މުހިންމު ހިދުމަތެއްގެ ގޮތުގަ އެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެއާ ނުލައި އުޅެން ދަތި ހިދުމަތަކަށެވެ. އެކަން އެންމެ ރަނގަޅަށް ދަންނަ ބަޔަކީ ސްޓެލްކޯގެ އިސްވެރިންނާއި އެ ކުންފުނީގެ މުވައްޒަފުންނެވެ. އެހެންވެ ކޮވިޑް-19 ގެ ބަލި މަޑުކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު ސްޓެލްކޯ ތައްޔާރު ވާން ފަށައިފި އެވެ.
މި ބަލި ރާއްޖެއާ ކައިރިވާނެ ކަމަށް ބަލައި ދުރާލާ އަމަލު ކުރާނެ އުސޫލުތައް ލިޔެފި އެވެ. ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރަން ފަށައިފި އެވެ. އެންމެ ފަހުން ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދަރަށް ދިއުމާއެކު ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން އޮފީހުގައި ގެއަށް ނުގޮސް ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
"މިހާލަތުގައި ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ހުއްޓުނު ނުދީ ދެވޭނެ ހުރިހާ އިންތިޒާމަކާއެކު އަޅުގަނޑުމެން ކުރިއަށް މިދަނީ. އެކަމަށްޓަކައި ހާއްސަ ޓީމެއް އޮފީހުގައި ގެއަށް ނުގޮސް ދަނީ މަސައްކަތް ކުރަމުން،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
ސްޓެލްކޯގައި ލޮކްޑައުން ވެގެން ތިބި މުވައްޒަފުން ކެއުމަށް އިންސާފު ކުރަނީ-- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ އިން ގެއަށް ނުގޮސް މަސައްކަތް ކުރާ ޓީމުގައި 170 މުވައްޒަފުން ހިމެނެ އެވެ. މި މުވައްޒަފުންގެ ތެރޭގައި ކަރަންޓުގެ ހިދުމަތް ދޭން ބޭނުންވާ މުހިންމު ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ހިމެނެ އެވެ. މި މުވައްޒަފުން ގެއަށް ނުގޮސް އޮފީހުގައި ތިބެގެން މަސައްކަތް ކުރެވޭނެ ހުރިހާ އިންތިޒާމެއް ސްޓެލްކޯގެ މެނޭޖުމަންޓުން ވަނީ ފަހިކޮށްދީފަ އެވެ. މި މުވައްޒަފުންގެ ކެއިން ބުއިމާއި ނިދުމުގެ ހުރިހާ އިންތިޒާމު ތަކެއް ކޮށްފައިވަނީ ސްޓެލްކޯގެ އޮފީސް ތެރޭގަ އެވެ. މުނިފޫހި ފިލުވުމާއި އަޅުކަމުގެ ކަންތަތައް ވެސް ކުރަނީ އެ އޮފީހުގަ އެވެ.
ސްޓެލްކޯގެ ގިނަ އަަދަދެއްގެ މުވައްޒަފުން ގެއަށް ނުގޮސް ކުރިއަށް މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ރައްކާތެރިކަމުގެ އެންމެ ވަރުގަދަ ފިޔަވަޅު ވަނީ އަޅާފަ އެވެ. އެގޮތުން ބޭރަށް ގޮސްފަ އަންނަ އުޅަނދު ފަހަރު އޮފީހުގެ ގޯތިތެރެއަށް ވަންނައިރު، ޑިސް އިންފެކްޓް ކުރުމާއި މުވައްޒަފުންގެ ޓެމްޕަރޭޗާ ގަވައިދުން ޗެކްކޮށް މޮނީޓާ ކުރުން ހިމެނެ އެވެ.
ސްޓެލްކޯ އިން ވަނީ މިހާލަތުގައި ކަރަންޓު ބިލްގެ ރީޑިން ނަގަން ގެއަށް ދިއުމުގެ ބަދަލުގައި އެ ކުންފުނީގެ އެޕްމެދުވެރިކޮށް ފޮޓޯއެއް ފޮނުވުމުން ރީޑިން ނެގޭނެ އިންތިޒާމުވެސް ހަމަޖައްސާފަ އެވެ. މީގެ ބޭނުމަކީ ވެސް މުވައްޒަފުންގެ ރައްކާތެރިކަމަށް ބެލުމާއި މިހާލަތުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމެވެ.
ކަރަންޓުގެ ހިދުމަތްދޭން ސްޓެލްކޯ ގެއަށް ނުގޮސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ