ދިވެހި ދައުލަތުން 200 މިލިއަން ޑޮލަރު ނުވަތަ 3.1 ބިލިއަން ރުފިޔާގެ ސޮވެރިން ބޮންޑް ވިއްކުމަށް ނިންމެވުމަކީ އިގްތިސާދީގޮތުން ނިންމާފައިވާ ނުރަނގަޅު ނިންމެވުމެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދިވެހި ދައުލަތުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް ވިއްކުމަށް ނިންމާ އެކަން ކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ލީޑް މެނޭޖަރުން ހޯދަން އިއުލާންކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ސަރުކާރުގެ ނިންމެވުމަށް ފާޑުވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް ވިއްކުމަށް ނިންމުމަކީ އިގްތިސާދީގޮތުން ރަނގަޅު ނޫން ފިޔަވަޅެއްކަމަށެވެ. އަދި އެކަމަކީ ރާއްޖޭގެ މުސްތަގްބަލަށް އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވެގެންދާނެކަމެއްކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ސޮވެރިން ބޮންޑު ވިއްކުމަށް ނިންމާފައިވާ ނިންމުމަށް ރައީސް މައުމޫން ފާޑުވިދާޅުވެފައިވާއިރު، ބޮންޑު ވިއްކުމަށް ނިންމާފައިވާ އަގަކާއި ސަރުކާރުން އެކަން ކުރަން ނިންމާފައިވާ މަގްސަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ސޮވެރިން ބޮޑު ވިއްކުމަށް ނިންމުމަކީ އިގްތިސާދީގޮތުން ނުރަނގަޅު ނިންމެވުމެއްކަމަށް ރައީސް މައުމޫން ވިދާޅުވއިރު، ސަރުކާރުގެ ގިނަ ސިޔާސަތުތަކަކަށް ރައީސް މައުމޫން ގެންދަވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައިވާ ކަންކަން ހާސިލްވަމުންނުދާކަމަށާ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި މިމަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާލުމަށް ލީޑް މެނޭޖަރުން ނުވަތަ ބުކް ރަނާސްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބޭންކްތަކާއި މާލީ އިދާރާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފަ އެވެ. މިފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ކުންފުނީގެ މައުލޫމާތާއި، މިފަދަ މަސައްކަތްތައް ކުރުމުގައި ކުންފުނީގެ ތަޖުރިބާގެ ތަފްސީލާއި، މަސައްކަތް ކޮށްދޭނެ އަގާއި، މިމަސައްކަތް ކުރުމުގައި ގެންގުޅޭ ޕްލޭން ފަދަ މައުލޫމާތު ހުށަހަޅަން ވަނީ އަންގާފަ އެވެ.
ބޮންޑު ވިއްކުމަށް ނިންމެވުމަކީ ނުރަނގަޅު ނިންމެވުމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ