އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންނަށް ލަފާ ދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން ރައީސް ޔާމީނަށް ލަފާ ދިނުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނު އަސާސީގެ 147 ވަނަ މާއްދާގައި ބުނެފައިވަނީ އުއްތަަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއްއް ފާސްވުމުންނެެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅަކަށް މަޖިލީހުން ރުހުން ދިނުމުން ހަތް ދުވަހުގެ ތެރޭގައި އެބޭފުޅަކު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހޭނެ އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރި ބައެއް ދައުވާތައް ސާބިތުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމްތަކަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކުރުމާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުވެސް މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރި ބައެއް ދައުވާތައް ސާބިތުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމްތަކަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވާތީ އެމަނިކުފާނުގެ މަގާމުވެސް ވަނީ ގެއްލިފަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުން މިއިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކޯޓުން ކުރާ ހުކުމް އިސްތިއުނާފް ކުރަން ހުރިހާ މަރުހަލާއެއްގައިވެސް ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލަ 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން ނިންމަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމާއިރު ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ދަމަހައްޓައިފިނަަމަ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ގެއްލިގެންދާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމާފައިވާ ޑރ. އަހްމަދު އަބްދުﷲ ދީދީއަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ދާއިރާ އިން ޕީއެޗްޑީ
ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމު 2010 ވަނަ އަހަރު ފުރުއްވާފަ އެވެ. އަދި 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. ޑރ. އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވީ 10 އޯގަސްޓް 2010 ވަނަ އަހަރު އެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ