ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމާ މެދު މިހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ، ގިނަ އަދަދެއްގެ ފޯމްތަކަކާއެކު ނަންގަވާފައިވާ ސެލްފީއަކާއެކު އޭނަގެ އަމިއްލަ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް ބޭނުންވާ ސޮއި ހޯދުމުގައި ވޮލެންޓިއަރުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށާއި 2200 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ދިނީތީ އެކަމަށް ވެސް އިހުލާތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިބަށް ކުރިމަތިލުމާ މެދު މިހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާން ކުރައްވާފައިވާއިރު، ގާނޫނުގައިވާ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވޭނީ 1500 މީހުންގެ ތާއިދު ފޯމާއެކު އެވެ.
އިންތިހާބުގައި ވާދަ ކުރެއްވުމަށް ހަތަރު ބޭފުޅަކު މިހާތަނަށް ސައުގވެރިކަން ފާޅު ކޮށްފައިވާ އިރު، މިހާތަނަށް އިންތިހާބުގައި ވަދަކުރެއްވުމަށް ފޯމް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު އެކަންޏެވެ.
އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކެންޑިޑެންސީ ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.
އިލެކްޝަންސް ކޮމިޝަން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ މީހުންނަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމަށް ހުށަހަޅާ މީހަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވެ އެވެ.
އިންތިހާބުގައި ކުރިމަތިލުމާ މެދު މިހަފްތާގައި ގޮތެއް ނިންމާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ