މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު މިރޭ ހައްޔަރުކޮށްފި އެވެ.
އަމީތު ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ކޯޓު އަމުރެއް ދެއްކުމަށްފަހު އެވެ.
އަމީތު މިރޭ ވިދާޅުވީ އޭނާ ހައްޔަރުކުރި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ޣައިރު ގާނޫނީ އަމަލުތަކަށް ދޫނުދެއްވާނެ ކަމަށެވެ.
އަމީތު މިރޭ ހައްޔަރުކޮށްފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު އޭނާ ހައްޔަރުކުރުމަށްފަހު އެރޭ ދޫކޮށްލާފައި ވަނިކޮށެވެ.
ފުލުހުން މިމަހުގެ 24 ވަނަ ދުވަހު އެންމެ ފުރަތަމަ އަމީތު ހައްޔަރުކުރީ އޭނާ އަކީ މަޖިލިސް މެންބަރެއް ނޫން ކަމަށް މަޖިލީހުގެ އިދާރާއިން ނިންމާފައި ވަނިކޮށް އޭނާ އެދުވަހު މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގެންފައިވާތީ ކަމަށް ބުނެ އެވެ.
އަމީތު މިރޭ ހައްޔަރުކުރީ ވެސް މިމައްސަލާގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އަމީތަކީ މަޖިލިސް މެންބަރެއް ނޫން ކަމަށް ބަލައިގެން ފުލުހުން އޭނާ ހައްޔަރުކުރި ނަމަވެސް އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަަލާގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެމައްސަލަ ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ވެސް ވަނީ މިމައްސަލައާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ގޮތަށް ޖަލުގައި ބަންދުކޮށްފަ އެވެ. ވަހީދުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ