އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މައުމޫން މަގާމުން ވަކިކޮށްފި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުމޫން އަބްދުއްސަމަދު (މާންބެ) މިއަދު މަގާމުން ވަކިކޮށްފި އެވެ.
މައުމޫން މަގާމުން ވަކިކޮށްފައިވާ ކަން ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް މައުމޫން މަގާމުން ވަކިކުރި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.
މައުމޫން މަގާމުން ވަކިކުރި މައްސަލާގައި އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މައުމޫން މަގާމުން ވަކިކުރީ އަމިއްލަ ހޮސްޕިޓަލްތަކަށް އާސަންދަ ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެ އެންސްޕާއިން އާންމުކުރި ބަޔާނާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުންނެވެ. އެބަޔާނާ ގުޅިގެން ރައީސް އޮފީހުން ފަހުން ބުނެފައިވަނީ އެންސްޕާއިން އެގޮތަށް އަމަލުކުރީ ރައީސް އޮފީހުން އަންގައިގެން ނޫން ކަމަށެވެ.
އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެ މަގާމުން ވަކިކޮށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފަ އެވެ. ނަމަވެސް މައުމޫނަށް ސަރުކާރުގެ އެހެން ވަޒީފާއެއް ދެއްވާފައިވާ ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މައުމޫން މަގާމުން ވަކިކޮށްފައިވާއިރު އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ކުރިއަށް ގެންދަވާ އިޖުތިމާއީ ހަރަކާތްތަކުގައި އިސް ސަފުން ފެނިގެންދާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ