މިސަރުކާރުން ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ، ރައްޔިތުންނަށް އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ފަހުގައި ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަހުމެއް ނެތް ގަތުލުތައް މިނަމުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ދިފާއުގައި ވާހަކަފުޅުދައްކަވާ ބޭފުޅުން ކެނޑިނޭޅި ދައްކަވާ ތަރައްޤީގެ ވާހަކަފުޅުތަކަށް ފާޑު ވިދާޅުވެ ރައީސް މައުމޫން ވިދާޅުވީ، މިސަރުކާރުން ކުރަނީ ކޮން ތަރައްޤީއެއްތޯ ސުވާލު އުފެދޭ ކަމުގަ އެވެ. އެމަނިކުފާނު ވިދާޅުވީ، ތަރައްޤީގެ މަސައްކަތުގެ ކުރިން ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުން ކަމަށާއި އެނޫންގޮތެއްގައި ތަރައްޤީގެ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމުގަ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ތަރައްޤީއަކީ ރައްޔިތުންގެ ފުރާނަ އާއި މުދަލާއި ގެދޮރު ސަލާމަތްވެފައި އޮތުމާއި މިނިވަންކަމާއި އެކު ރައްޔިތުންނަށް ދިރިއުޅެވުން ކަމަށާއި އަދި އެގެންނަ ތަރައްޤީއެއްގެ ބޭނުން ހިފާނޭ ރައްޔިތަކު ނެތް ނަމަ އެތަރައްޤީއެއްގެ ބޭނުމެއް ނެތްކަމުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ، ޤަތުލުތައް ހިނގަމުންދަނީ އެފަދަ ކަންކަމަށް ސަރުކާރުން މަގުފަހި ކުރާތީ ކަމަށެވެ. މީގެ އިތުރުން ސިޔާސީ ލީޑަރުންނަށް މިއަދު ދެމުންގެންދާ އަނިޔާތައް ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ، އެއީ ވަކިބޭފުޅަކު އަންގަވައިގެން ކުރައްވާ ކަންކަން ކަމަށާއި އެކަން ރައްޔިތުން ދެނެގަންނަން ޖެހޭކަމުގަ އެވެ.
ޤައުމުގައި މާރާމާރީ އާއި ބޮޑެތި ކުށްތައް ހިނގާއިރު، ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި އެބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޟިރުކުރުން ނޫންކަމަކަށް ފުލުހުންނަށް ވަގުތެއް ނެތްކަމުގައިވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން އަދުލު އިންސާފު ލިބިދިނުމުގައި ހަމަހަމަކަން ގެއްލި ސަރުކާރުން އަންގާހައި ގޮތަކަށް މުއައްސަސާތަކުން އަމަލު ކުރަމުންގެންދާ ގެންދިޔުމުގެ ކަންބޮޑުވުން ރައީސް މައުމޫން ވަނީ ފާޅު ކުރައްވާފަ އެވެ. މިގޮތުން ސިޔާސީ ލީޑަރުންނާއި މެދު އަމަލު ކުރަމުންގެންދާ އިންސާފެއް ނެތް ގޮތްތައް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާހަަގުރައްވާފަ އެވެ.
ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ، އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް ފަހު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ