ސަރުކާރުން ބޭނުންވަނީ ރައްޔިތުން ކޮތަރުކޮށީގައި ގެންގުޅެން: ޑރ.މައުސޫމް

ސަރުކާރުގެ ސިޔާސަތުތައް ވަނީ ފެއިލްވެފައި ކަމަށާއި ސަރުކާރުން ބޭނުންވަނީ ރައްޔިތުން ކޮތަރުކޮށީގައި ގެންގުޅެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ.މައުސޫމް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެއްވުމުގައެވެ. މައުސޫމް ވިދާޅުވީ ރަގަޅު ބޯހިޔާވަހިކަމެއް ދެއްކުމުގެ ބަދަލުގައި ސަރުކާރުން މިސްރާބު ޖަހާފައިވަނީ ކުދިކުދި ފްލެޓު އަޅައިގެން ރާއްޖޭގެ މުޅި އާބާދީ ކޮތަރުކޮށްޓަކަށް ލައިގެން ގެންގުޅުމަށް ކަމަށެވެ.
ފްލެޓު ދިނުމުގައިވެސް އިންސާފެއް ނެތް ކަމަށާއި އެތައް އަހަރެއް ފާއިތުވެދާއިރުވެސް ވަންނާނެ ތަނެއް ނެތި އެތައް ބަޔަކު އުޅެމުންދާ ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކިތަންމެ މޮޅު ޕްލޭނެއް ކުރިޔަސް މާލެއަށް އެންމެން ޖަމާވާ ގޮތަށް ސަރުކާރުން ސިޔާސަތު ގެންގުޅޭހާ ހިނދަކު މިނޫން ގޮތެއް ނުވާނެ ކަމަށެވެ.
"މިސަރުކާރުން މިސްރާބު ޖަހާފައި މިހުރީ ރާއްޖޭގެ މުޅި އާބާދީ ކޮތަރުކޮށީގައި ގެންގުޅެން. އެއެއް ނޫން ދިވެހިން އުޅެން ބޭނުންވާ ގޮތަކީ. ބޭނުންވަނީ އަމިއްލަ ގޭގައި ގަހެއް އިންދާލައިގެން ރީއްޗަށް އުޅެން. އެޖާގަ ލިބޭގޮތަށް ރަށްރަށް ތަރައްގީ ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް. ހުޅުމާލެ ކަހަލަ އެތައް ސަރަހައްދެއް ބިނާކުރާނެ ކަމަށް ސަރުކާރަށް އަންނަންވެގެން މިބޭފުޅުން ވައުދުވި. އެކަމަކު އެކަންތައް ދިޔައީ ފަނުފުލުން" ޑރ.މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ރައްޔިތުންނަށް ހަމަނޭވާލައިގެން އުޅޭވޭނެ ގޮތެއް ދައްކަން ޖެހޭ ކަމަށާއި ތައުލީމާއި ސިއްހީ ޚިދުމަތް ހޯދުމަށް އެންމެން މާލެއަށް އައުމަށް ޖެހޭހާ ހިނދަކު މިގޮތް ބަދަލު ނުވާނެ ކަމަށެވެ. ރަށްރަށުގައި އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބޭގޮތަށް ތަންތަން ބިނާކޮށް، ވަޒީފާގެ ފުރުސަތު ހުރިހާ ހިސާބެއްގައި ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޑރ.މައުސޫމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރާއި ހަތަރު މަސް ފާއިތުވެފައިވާއިރު، އެމަނިކުފާނު ކުރެއްވި ހުވަޔާ އެއްގޮތަށް އަމަލުކުރެއްވީ ވަރަށް ކުޑަދުވަސްކޮޅެއްގައި ކަމަށެވެ. އެމަނިކުފާނަކީ ހުވަޔަަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ނޫން ކަމަށް މައުސޫމް ވިދާޅުވިއެވެ.
ސަރުކާރު ހިންގަނީ ރައްޔިތުންގެ ޖީބުން ދޭ ޓެކްސް ފައިސާ ނަގައިގެން އަދި ރައްޔިތުންގެ ނަމުގައި އެތައް ލޯނެއް ނަގައިގެން ކަމަށާއި ސަރުކާރުން ދަނީ ރައްޔިތުންގެ ދަރަނި ބޮޑުކުރަމުން، އެތައް ފައިސާއެއް އިސްރާފުވާ ގޮތަށް އެތައް ކަމެއް ކުރަމުން ކަމަށް ވެސް ޑރ.މައުސޫމް ވިދާޅުވިއެވެ. ހަމައަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށް ބިނާތައް ކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ސަރުކާރުން ކޮށްފައިވާ ކަމަށެވެ.
"ރައްޔިތުންގެ ފައިސާއިން އިސްރާފުގެ ބިނާތައް އެޅެމުންދާއިރު ރާއްޖޭގެ ކަންކޮޅުތަކުން ފެންނަނީ ވީރާނާވެގެންދާ ތަން. މުޅި ގައުމު ވީރާނާކޮށްފި. ރާއްޖޭގެ ރަށްތައް ވީރާނާކޮށްފި. ސަރުކާރުގެ ޒިންމާއެއް ރައްޔިތުންނަށް ދިރިއުޅެވޭނެ ރަގަޅު ގޮތެއް ހޯދައިދިނުން. އޭގެ މާނައަކީ ރަށުގައި ގޯތީގައި ރަގަޅަށް އާއިލާއާއެކު އުޅޭނެ ގޮތެއް ތަނަވަސްކޮށްދިނުން. ހއ.ކެލައަށް ބަލައިލިޔަސް އެހެން ރަށަކަށް ބަލައިލިޔަސް ފެންނަމުންދަނީ ރަށުގެ ގޯތިތައް ފަޅުވަމުންދާ ތަން" މައުސޫމް ވިދާޅުވިއެވެ.
މިހެން ދިމާވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި މާލެއަށް އެންމެން ޖަމާކޮށް ތޮއްޖެއްސުމަށް ފަށާފައިވާ ސިޔާސަތުގެ ސަބަބުން ރަށްރަށް ދޫކޮށް އެންމެން މާލެ އައުމަށް މަޖުބޫރުވެފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ތަކުލީފު އުފުލަން ރައްޔިތުންނަށް ޖެހިފައިވާއިރު ވެރިރަށް މާލޭގައި ރައްޔިތުން އުޅެނީ ދިރިއުޅުމެއް ނޫން ކަމަށެވެ. މާލޭގައި ރައްޔިތުން އުޅެނީ ވަރަށް ހާލުގައި، ހަނގުރާމައެއްގައި އުޅޭ ގޮތަށް ކަމަށް މައުސޫމް ސިފަކުރެއްވިއެވެ. އޭނަ ވިދާޅުވީ މާލޭގައި ރައްޔިތުން އުޅެނީ ރަގަޅަށް ނިދާނުލެވި، ހަމަޖެހިލައިގެން މަގެއްމަތީ ހިނގާނުލެވި އަދި އިންސާފެއް އަމާންކަމެއް ނެތި ކަމަށެވެ.
މައުސޫމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވަނީ ބޮޑުތަނުން ފޭލިވެފައި ކަމަށާއި ނޮވެމްބަރު 11 އާ ހަމައަށް ސަރުކާރު ދެމެމުންދަނީ ކަނޑިބަޑީގެ ބާރުން ކަަމަށެވެ. ދެން އޮތް ދައުރަށް ހޮވައިދިނުމަށް އެދި ސަރުކާރުގެ ވެރިން ވާހަކަ ދެއްކެވުމުގެ ބޭނުމެއް ނެތް ކަަމަށާއި ދެން އަންނަ 5 އަހަރަށް މިސަރުކާރު ހޮވަން ހިތަށްވެސް އަރުވާނެ ކަމެއް ނެތް ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ ގުޅިފައިވާ ޕާޓީތަކުން އިންތިޚާބު ކާމިޔާބުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ