އިބްރާހިމް ސިޔާދު ގާސިމްގެ ހަމައެކަނި ކުށަކީ ގާސިމް އިބްރާހިމްގެ ދަރިކަލަކަށްވުން: އަލީ ހުސައިން

ފުލުހުން ހައްޔަރު ކޮށްގެން ދޫނިދޫގައި ބަންދުކޮށްފައިވާ އިބްރާހިމް ސިޔާދު ގާސިމްގެ ހަމައެކަނި ކުށަކީ އޭނާއަކީ ގާސިމް އިބްރާހިމްގެ ދަރިކަލަކަށް ވުންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރ އަދި ގާނޫނީ ވަކީލު އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ހަވީރު މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، އިބްރާހިމް ސިޔާދު ގާސިމަކީ ދުވަހަކުވެސް ސިޔާސީ ކަމެއްގައި އުޅުއްވި، ސިޔާސީ ޕޯޑިއަމަކަށް އަރައި ސިޔާސީ ވާހަކަ ދެއްކެވި ބޭފުޅެއް ނޫން ކަމަށެވެ.
އަދި އެއްވެސް ކުށެއް ކުރުމުގައިވެސް މިހާތަނަށް ޝާމިލްވެވަޑައި ގެންފައިވާ ބޭފުޅަކަށް ނުވާއިރު، ފުލުހުން އިބްރާހިމް ސިޔާދު ގާސިމް ރަހީނުކޮށްގެން ބަންދުކޮށްގެން އުޅޭ އުޅުމަކީ ހަމައެކަނި އެމަނިކުފާނަކީ ގާސިމް އިބްރާހިމްގެ ދަރިކަލަކަށް ވުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނަށް، ކުނޫޒަށް އައިސް މިއުޅޭ އުޅުމުގައި ދުވަހަކުވެސް އިބްރާހިމް ސިޔާދު ގާސިމް މިތަނުން ނުދެކެން. އަދި ސިޔާސީ ކަމެއްގައި އުޅުއްވާތަނެއްވެސް ނުދެކެން. ސިޔާސީ ހަރަކާތެއްގައި އުޅުއްވާ ތަނެއްވެސް ނުދެކެން. އަދި ދުވަކުވެސް ސިޔާސީ ވާހަކައެއް ދައްކަވާ އަޑެއް ނާހަން. ވުމާއެކު، އެފަދަ ބޭފުޅަކު ސަރުކާރުން ހައްޔަރުގެން އުޅޭ އުޅުމަކީ، ނުވަތަ އިބްރާހިމް ސިޔާދު ގާސިމްގެ ކުށަކީ ގާސިމް އިބްރާހިމްގެ ދަރިކަލަކަށްވުން" އަލީ ހުސައިން ވިދާޅުވިއެވެ.
އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވީ، އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށްގެން އުޅެނީ، ގާސިމް އިބްރާހިމް ރާއްޖޭގައި ނޫޅުއްވާތީ ގާސިމް އިބްރާހިމްއަށް ބިރުދެއްކުމުގެގޮތުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރެއްވުމަށްފަހު ފުލުހުން މިދިޔަ އަންގާރަދުވަހުގެ ކުއްލިގޮތަކަށް ވިލާ ހައުސް އިމާރާތަށްވަދެ އެ އިމާރާތް ފާސްކުރުމަށްފަހު އިބްރާހިމް ސިޔާދު ގާސިމް ފުލުސް އޮފީހަށް ގެންގޮސްފައިވަނީ ވިލާ ހައުސްގެ ހަވަނަ ފަންގިފިލާގައި ހުންނަވަނިކޮށެވެ.
އަދި ފުލުހުންގެ އިދާރާއަށް ގެންދިއުމަށްފަހު ފުލުހުން އިބްރާހިމް ސިޔާދު ގާސިމް ދޫނިދޫއަށް ގެންގޮސްފައިވަނީ އެރޭ މެންދަމުގެ ވަގުތެއްގައެވެ.
އިބްރާހިމް ސިޔާދު ގާސިމްއަކީ ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރެވެ.
ވިލާ ހައުސް ބަލައި ފާސްކުރުމަށްފަހު އެތަނުން ފުލުހުން ބައެއް ތަކެތި ގެންދިޔަކަމަށް ވެއެވެ. ނަމަވެސް ސިޔާދުއާ ގުޅޭގޮތުން ބަލަމުންދަނީ ކޮން މައްސަލައެއްކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި ސިޔާދުގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއް ކަމެއްވެސް ނުބުނެއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވީ، ޚާއްސަކޮށް ޒުވާނުންނަށާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާއިރު، އިބްރާހިމް ސިޔާދު ގާސިމްފަދަ ޒުވާން ވިޔަފާރި ވެރިޔަކު އެއްވެސް ހައްގަކާއި ނުލައި ހައްޔަރު ކޮށްފައި ވުމުން، ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.
ފުލުހުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކޮށްގެން ގެންދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވުމާއި، ގާނޫނީ ވަކީލަކަށްވެސް ބައްދަލު ކުރުމުގެ ފުރުސަތު ދީފައިނުވާތީ އެތައް ބަޔަކު ގެންދަނީ އެކަމާ ނުރުހުން ފާޅުކޮށް ސިޔާދު ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
ސޯޝަލް މީޑިއާގައިވެސް އެތައް ބަޔަކު ގެންދަނީ ސިޔާދު ވަގުތުން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކުރުމާ ގުޅިގެން، ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުގައި ހުންނެވި ގާސިމް އިބްރާހިމް ކީރިތި ކުރެއްވި ކަމަށް އެވަގުތު އެތަނުގައި ތިއްބެވި ބޭފުޅުން ވިދާޅުވެފައި ވެއެވެ.
ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަމިއްލަފުޅަށް ޖަލުގެ ކުޑަގޮޅީގައި އޮތުންވެސް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލުގައި ހުންނެވުމަށްވުރެ ހިތަށް ފަސޭހަކަމުގައެވެ.
އަދި ލޯބިފުޅުވާ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކުޑަގޮޅީގައި އޮންނެވި ކަމުގައިވިޔަސް ދަރިކަލުންނާއިމެދު އަދުލުވެރިކަމާއި އިހުސާންތެރިކަމާއެކު ހުރިހާކަމެއްވެސް ފުލުހުން ކޮށްދެއްވާނެކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ފަހުން ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވެފައި ވެއެވެ.
އިބްރާހިމް ސިޔާދު ގާސިމް ވަގުތުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީންވެސް ވަނީ ގޮވާލާފައެވެ.
ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދޮށީ ފިރިހެން ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކަމަށް ބުނެ ހައްޔަރުކުރުމަކީ ސިޔާސީ ގޮތުން ކުރައްވާފައިވާ ހައްޔަރެއް ކަމަށް ޖޭޕީން ދެކޭކަމަށެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދަވާ ގައުމު އިސްލާހް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ އަމުރަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކުރަމުންގެންދާ ކަންކަމަކީ ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ހައްގުތަކަށް ބެލުމެއްނެތި ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކުރާ ކަމެއްކަމަށް ޖޭޕީން ދެކޭކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ގާސިމް އިބްރާހީމްގެ ސިޔާސީ މަސައްކަތްތައް ހުއްޓުވައި، އެމަނިކުފާނު ސީދާ ރައީސް ޔާމީނަށް ތާއީދުކުރެއްވުމަށް މަޖުބޫރުކުރުމުގެ ގޮތުން އެމަނިކުފާނުގެ މުދަލާއި ވިޔަފާރިއަށް އަދި އެމަނިކުފާނުގެ އާއިލާއަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދުއްތުރާތަކާއި ގާނޫނާއި ޚިލާފު އަމަލުތައް ވަގުތުން ހުއްޓުވައި، އިބްރާހީމް ސިޔާދު ގާސިމް ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ