އުއްތަމަ ފަނޑިޔާރު ހިފާ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށްކަމަށާ ސުޕްރީމު ކޯޓުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ސައީދު މިނިވަންކުރުމަށް އަމުރެއް ނެރެންޖެހޭކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގަމުންދަނީ ގާނޫނުގެ ވެރިކަމެއް ނޫންކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ވެސް ނުކުރެވޭނެ ކަންކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.
ޖަމީލު ވިދާޅުވީ ސުޕްރީމްކޯޓްގައި ތިއްބެވި ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނަމަ އެކޯޓަށް ލިބިފައިވާ ވިރާސީ ބާރުގެ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ސައީދު މިނިވަންކުރުމަށް އަމުރެއް ނެރެންޖެހޭކަމަށެވެ.
"ފަނޑިޔާރެއް ކުރައްވާ ހުކުމަކުން އެ ފަނޑިޔާރެއް ހައްޔަރުކޮށް، އާއިލާގެ މެންބަރުން ރަހީނުކުރުމަކީ ތަހުޒީބު އެއްވެސް މުޖުތަމައުއެއްގައި ކަންކަން ހިނގައިގެންވާނެގޮތެއް ނޫން, ސުޕްރީމު ކޯޓްގެ ފަނޑިޔާރުން ގާނޫނުތަކާއި ގާނޫނު އަސާސީއާއި ޚިލާފަށް ހައްޔަރުކޮށް ހިންގާ ހުރިހާ އިޖްރާއަތްތަކަކީވެސް ޣައިރުގާނޫނީ ކަންކަން" ޑރ.ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މިއަދު ކޮންމެ ބޭފުޅެއްގެ މައްޗަށް ސަރުކާރުން ހިތުހުރި ދައުވާތަކެއް ކުރަމުންދާއިރު، ފަނޑިޔާރުންނާއި ހަމައަށް އެ އަނިޔާވެރިކަން އައުމުގެ ކުރިން ކަންކަން ހުއްޓުވަންޖެހޭކަމަށެވެ.
"އުއްތަމަ ފަނޑިޔާރުގެ މައްޗަށް އެ ދައުވާއެއް ނުކުރެވޭނެ. އުއްތަމަ ފަނޑިޔާރު ހިފާ ހައްޔަރުކޮށްގެން އެ އުޅެނީ ގާނޫނާއި ޚިލާފަށް" ޖަމީލު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ފަނޑިޔާރުން ހިފާ ހައްޔަރުކުރެވޭނެ ގޮތްތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކަނޑައަޅާފައިވާކަމަށާ ފަނޑިޔާރު ހައްޔަރުކުރެވޭނީ ވެސް ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ނެރޭ އަމުރަކުންކަމަށެވެ.
"އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސިފައިންގެ ވާޖިބެއް, ނަމަވެސް ސިފައިން އެ ވާޖިބަށް އިހުވާލުވެއްޖެ. އުއްތަމަ ފަނޑިޔާރަށް އަނިޔާކޮށް ހިފާ ހައްޔަރުކުރި މީހުންނަށް ގާނޫން އަރާހަމަކުރާނެ" ޖަމީލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރު މިނިވަންކުރަން ޖެހޭ - ޑރ.ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ