ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މާދަމާ ހަވީރު

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ 66 ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗު މާދަމާ ހަވީރު ކުޅޭ ގޮތަށް އެފްއޭއެމްއިން ބަދަލުކޮށްފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު ކުރިން ކުޅުމަށް ހަމަޖެހިފައިއޮތީ މާދަމާރޭ 9 ޖަހާއިރު އެވެ. މެޗު އަވަސްކުރި ސަބަބެއް އެފްއޭއެމް އިން ހާމަކޮށްފައި ނުވާއިރު، މިހާރު އޮތްގޮތުން ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 3:50 ގައެވެ.
ކްލަބު އީގަލްސް މި ފަހަރުގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ޔުނައިޓެޑް ވިކްޓަރީ އަތުން 3-2 އިން މޮޅުވެގެންނެވެ. އަދި ޓީސީ ސްޕޯޓްސް ކްލަބު މި ފަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މާޒިޔާ 2-0 އިން ބަލިކުރުމަށް ފަހު އެވެ.
މި މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތުގައި މިފަހަރު ޖުމްލަ ހަ ޓީމަކަށް ވަނީ ފުރުސަތު ދީފަ އެވެ. މި މުބާރާތުގައި މިފަހަރު ޖާގަ ދިނީ އެންމެ ފަހުގެ ރަނަރަޕް ނިއު ރޭޑިއަންޓް އާއި މިދިޔަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ސ. ފޭދޫ އާއި، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބު އީގަލްސް އަދި ފުރަތަމަ ޑިވިޝަނުގައި މި އަހަރު އަލަށް ވާދަކުރި ޔުނައިޓެޑް ވިކްޓަރީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ