ފަސް މަހުގެ ދަރިފުޅު މަންމައާ ހަވާލު ކުރުމަށް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް މީހަކު ހޯދަނީ

ފަސް މަހުގެ ދަރިފުޅު މަންމައާއި ހަވާލުކުރުމަށް ފެމިލީ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމަށްޓަކައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ ފެމިލީ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ޓަކައި ފުލުހުން ހޯދަމުން ގެންދަނީ ސ. މަރަދޫ، ކަންމަތީގެ، ޢުމުރުން ބައްތިރީސް އަހަރުގެ އަޙްމަދު ޝަރުޢާން ކަމަށެވެ. އަޙްމަދު ޝަރުޢާން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އޭނާގެ 5 މަހުގެ ދަރިފުޅު، 24 ގަޑިއިރުގެ ތެރޭގައި އެ ދަރިފުޅުގެ މަންމައާއި ހަވާލު ކުރުމަށް މި މާރޗް މަހުގެ 10 ވަނަ ދުވަހު ފެމިލީ ކޯޓުން އަޙްމަދު ޝަރުޢާންގެ މައްޗަށް ކޮށްފައިވާ އަމުރާ އޭނާ ޚިލާފްވެފައި ވާތީ 5 މަހުގެ ދަރިފުޅު ހޯދާ އެ ދަރިފުޅުގެ މަންމަ އާ ހަވާލު ކުރުމަށް ފުލުހުންގެ މައްޗަށް ފެމިލީ ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަޙްމަދު ޝަރުޢާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށާއި، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އެކަން އަންގަވައި ދެއްވުމަށް ފުލުސް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޕޮލިސް ސްޓޭޝަން ނެތްރަށެއްނަމަ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އެކަން އެންގެވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ