ވޯޓްގެ ނަތީޖާ ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދާން ޖުމްހޫރީ ގުޅުމުން ނިންމައިފި
ރިޔާސީ އިންތިޚާބުގެ ވޯޓް ގައި ބޮޑެތި “އޮޅުވާލުންތަކެއް” ހުރިކަމަށް ބުނެ އެ އިންތިޚާބުގެ ނަތީޖާ ބާތިލް ކޮށްދިނުމަށް އެދި އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމަށް ޖުމްހޫރީ ގުޅުމުން ނިންމައިފިއެވެ.ޖުމްހޫރީ ގުޅުމުގެ ފަރާތުން ޢުމަރު ނަޞީރު ވިދާޅުވީ ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރުމުން، އެ ކަންކަމުގެ ސާފު ހެއްކާއިއެކު އާދިއްތަ ދުވަހުގެ ހެނދުނު މައްސަލަ ސުޕްރީމް ކޯޓަށް ވައްދާން ކަމަށެވެ. އެއަށް ފަހު ނޫސްވެރިންނަށާއި އާންމުންނާ އެކަމުގެ މަޢުލޫމާތު ހިއްސާ ކުރައްވާނެކަމަށްވެސް ޢުމަރު ނަޞީރު ވިދާޅުވިއެވެ.ޢުމަރު ނަޞީރު އިތުރަށް ވިދާޅުވީ އިންސާފް ހޯދަން ނުކުތް ރައްޔިތުން މާޔޫސް ނުވުމަށާއި ސުޕްރީމް ކޯޓަށް ޖުމްހޫރީ ގުޅުމުން ހުށަހަޅާ މައްސަލައަކީ ވަރަށް ސާފު މައްސަލައެއް ކަމަށެވެ.ޢުމަރު ނަޞީރު ވިދާޅުވީ އިންތިޚާބުގައި ހުރި ބޮޑެތި އޮޅުވާލުންތައް މިހާރު ވާނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއިވެސް ޙިއްސާ ހުރައްވާފައެވެ. އަދި އެ ވާހަކަތައް ޙިއްސާކުރެއްވުމުން އެ ބޭފުޅުންނަށްވެސް ސިހުން ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގެ ނަތީޖާ އާ މެދު ޖުމްހޫރީ ގުޅުމުން ސުވާލު އުފައްދަނީ އެއް ކަމެއް ދެކަމެއް ސާބިތުވެގެން ނޫންކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.އިންތިޚާބުގެ ނަތީޖާ ބާތިލް ކޮށްދިނުމަށް އެދި އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ދާއިރު، ޖުމްހޫރީ ގުޅުމުން ވަނީ އިންތިޚާބުގެ ޝަކުވާތައް ހައި ކޯޓަށް ހުށަ ހަޅައިފައެވެ. އެ މައްސަލަވެސް ހައި ކޯޓްގައި އާދިއްތަ ދުވަހު ފަށާނެއެވެ.އިންތިޚާބުގެ ނަތީޖާއާމެދު ޖުމްހޫރީ ގުޅުމުން ސުވާލު އުފައްދާފައި ވާއިރު ވޯޓް އަލުން ގުނުމަށް އިލެކްޝަންސް އެޑްވައިޒަރީ ކޮމެޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ލަފާ އަރުވާފައެވެ. އަދި އިންތިޚާބުގައި ވާދަކުރި އެމްޑީޕީ ފިޔަވައި އެހެން ޕާޓީ ތަކުން ވަނީ ވޯޓް އަލުން ގުނުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި ހުށަހެޅުމަށް ތާޢީދުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ