މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން އަމަން އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި އޯގަސްޓް މަހުގެ 15 ވަނަދުވަހުން ފެށިގެން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ވޭވްސް” ގެ ދަށުން އަތޮޅުތެރެއަށް ދިޔުމަށް ހަމަޖެހިފައިވާ ފުލުހުން މިއަދު އަތޮޅުތެރެއަށް ފުރައިފިއެވެ.
ފުލުހުން ބުނީ ރޭ ފަތިހު 05:30 ގައި މެރިން ޕޮލިސްގެ 19 ނަމްބަރު ލޯންޗުގައި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ ދެމެދުގައި ހިމެނޭ އަތޮޅުތަކަށް ޑިޕްލޯއި ކުރަން ހަމަޖެހިފައިވާ ފުލުހުންނާއެކު ފުރާފައިވާ ކަމަށާއި އަދި މިއަދު ހެނދުނު 09:00 ގައި މެރިން ޕޮލިސްގެ 20 ނަމްބަރު ލޯނޗުގައި މ، ފ އަދި ދ.އަތޮޅަށް ޑިޕްލޯއި ކުރާ ފުލުހުން ގޮވައިގެން ފުރާފައިވާ ކަމަށެވެ.
މާލެއިން ފެށިގެން ދެކުނަށް މިއަދު ފުލުހުން ގޮވައިގެން މެރިން ޕޮލިސްގެ ބޮޑު ދެ ލޯންޗު ފުރާފައިވާއިރު މެރިން ޕޮލިސްގެ 20 ނަމްބަރު ލޯންޗު ދ.އަތޮޅާ ހަމައަށް ދިޔުމަށްފަހު އެއަތޮޅަށް ބޭލުމަށް ހަމަޖެހިފައިވާ ފުލުހުން ބޭލުމަށްފަހު ދ. ވާނީގައި ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް ފުރިހަމަކުރަމުންދާ ފުލުހުންގެ ތެރެއިން މާލެއިން އުތުރުގެ އަތޮޅުތަކަށް ދިޔުމަށް ހަމަޖެހިފައިވާ ފުލުހުންނާއެކު ފުރަތަމަ އަންނާނީ މާލެއަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މާލެއަށް އައުމަށްފަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މި އޮޕަރޭޝަނުގައި ދިޔުމަށް ހަމަޖެހިފައިވާ ފުލުހުން ގޮވައިގެން މެރިން ޕޮލިސްގެ 20 ނަމްބަރު ލޯންޗު މާދަމާގެ ވަގުތެއްގައި މާލެއިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ މި ޚާއްޞަ އޮޕަރޭޝަންގައި އަތޮޅުތެރެ އާއި މާލޭގައި ގިނަ ޢަދަދެއްގެ ފުލުހުންތަކެއް ހަރަކާތްތެރިވަމުން ގެންދާނެއެވެ.
ރިޔާސީ އިންތިޚާބުގެ ސެކިޔުރިޓީއަށް ފުލުހުން އަތޮޅުތެރެއަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ