ޔާމީނާއި ގާސިމް ބައްދަލުކުރައްވާ ކޯލިޝަން ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލުކުރައްވާ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މ.ކުނޫޒުގައި އެވެ.
މި ބައްދަލުވުމުގައި ގާސިމާއި ޔާމީންގެ އިތުރުން ޔާމީންގެ ރަނިންމޭޓޫ ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ޔާމީންގެ އެޖެންޓު އަބްދުﷲ އަމީނާއި އުމަރު ނަސީރާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހުމަދާއި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ދުންޔާ މައުމޫނާއި ދުންޔާ މައުމޫންގެ ފިރިކަލުންނާއި ޔޫތު މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރޭ ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމްގެ ތަރުޖަމާނު އިބްރާހިމް ހަލީލް ވިދާޅުވީ ބައްދަލުވުމުގައި ޔާމީނަށް ގާސިމް ތާއީދު ކުރެއްވުމަށް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެކަމާއި ގުޅޭގޮތުން ވަކި ގޮތެއް ނުނިމޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދުކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު މާދަމާގެ ވަގުތެއްގައި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
އަދި ޖުމްހޫރީ ގުޅުމުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގައި ވެސް ކައުންސިލެއް އޮންނައިރު އެކައުންސިލެއްގައި އެކަމާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
"އެކަމާ ކޮންމެ ޕާޓީއެއްގެ ކައުންސިލްގައި ވަކިން މަޝްވަރާކޮށް މާދަމާގެ ވަގުތެއްގައި ލަސްނުކޮށް ވީހާވެސް އަވަހަކަށް ގޮތެއް ނިންމަން އަޅުގަނޑުމެން މި ނިންމީ،" ހަލީލް ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޔާމީނަށް ތާއީދު ކުރެއްވުމަށް ހުށަހެޅި ހުށަހެޅުމަށް ގާސިމް ހުންނެވީ ޕޮޒިޓިވްކޮށް ކަމަށާއި މާދަމާގެ ވަގުތެއްގައި ދެ ޕާޓީގެ ކައުންސިލްގައި އެކަމާ މެދު މަޝްވަރާ ކުރަމަށް ފަހު ނިންމުމެއް ލަސްނުވެ އިއުލާން ކުރާނެ ކަމަށެވެ.
ޔާމީން ވެސް އަދި ގާސިމް ވެސް ބައްދަލުވުން ނިންމާލެއްވުމަށް ފަހު މީޑިޔާއާ ބައްދަލުކުރައްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ