ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ދާދި ދެންމެއަކު ގާސިމް ރާއްޖެ ވަޑައިގެންނެވި އިރު، އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ގާސިމަށް މަރުހަބާ ދެންނެވުމަށްޓަކައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާސިމަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ގާސިމްއާއެކު ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.
ނިމިގެންދިޔަ މަހުގެ 30 ވަނަ ދުވަހު، ކަފާލާތުގެ ދަށުން ގާސިމް ވަނީ މިނިވަންކޮށްފައެވެ. ކަފާލާތުގެ ދަށުން ގާސިމް މިނިވަންކޮށްފައި ވަނީ ހައިކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ގާސިމަށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ އެ ހުކުމް ކޮށްފައިވަނީ އޭނާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.
އެ ހުކުމް ކޮށްފައިވަނީ ދައުލަތުން އުފުލި ރިޝްވަތުދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ ގާސިމްގެ މައްޗަށް އުފުލީ ޖުމްހޫރީ ޕާޓީގެ އޮފީސް، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓާއި އެހެނިހެން އެހީތެރިކަންވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.
ކަރެކްޝަނަލް ސާވިސްގެ ހުއްދައާއެކު ބޭސްފަރުވާއަށް ސިންގަޕޫރަށް ގާސިމް ފުރާވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އަދި އޭގެފަހުން ޖަރުމަނުވިލާތުގައި ގާސިމް ދިރިއުޅުއްވަމުންދިޔައީ އެގައުމުގެ ސަރުކާރުގެ ޚާއްސަ ހުއްދައާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.
ގާސިމް ރާއްޖެ ވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ