ރާއްޖެއަށް ސިޔާސީ ހަމަޖެހުން އަންނާނީ އެކަކަށް ވެރިކަން ކުރަން ލިބިގެން: އުމަރު

ރާއްޖެއަށް ސިޔާސީ ހަމަޖެހުން އަންނަނީ އެކަކަށް ވެރިކަން ކުރުމުގެ ބާރު ލިބިގެން ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫސް އަވަސް އިން ކުރިޔަށް ގެންދާ "ހުކުރު އަވަސް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ކޯލިޝަން ވެރިކަމެއްގައި ރާއްޖެއަށް ދުވަހަކު ވެސް ސިޔާސީ ހަމަޖެހުން ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން އެކަން ވަނީ ވެެރިކަން ކުރުމުގެ ފުރިހަމަ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ނޯންނާތީ ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ހައްލަކީ އެތައް ބަޔަކު ހިމެނޭ ވެރިކަމެއްގެ ބަދަލުގައި ފުރިހަމަ އިޚުތިޔާރާއި ބާރުގައި ވެރިކަން ކުރެވޭނެ ފުރުސަތު އެކަކަށް ދިނުން ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ކޯލިޝަން ވެރިކަމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށާއި އެކަމަކު ރައީސުލްޖުމްހޫރިއްޔާ ގައުމު ހިންގުމަކީ ޖުމުހޫރީ ވެރިކަމުގެ ސިފައެއް ކަމަށެވެ.
"ދިވެހި ރައްޔިތުން ނިންމާފަ އޮތީ ރާއްޖޭގައި އޮންނަން ވާނީ ރިޔާޒީ ނިޒާމުގެ ވެރިކަމެއް ކަމަށް. އެކަމަކު ބަރުލަމާނީ ސިފަ ހުރި ކޯލިޝަން ވެރިކަމެއް މި ހިންގަނީ. އެހެންވީމަ ގައުމު ހިންގުމުގެ ބާރު ރައީސަކަށް ނުލިބޭ." އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ މިހާރު ކުރިޔަށް މިދާ ގޮތަށް ކަންކަން ދާ ނަމަ ކޯލިޝަން މާ ލަސްތަކެއް ނުވެ ރޫޅޭނެ ކަމަށެވެ. މިހާރު ވެސް އޭގެ އަލާމާތްތައް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހަށް ވެސް ކޯލިޝަން ދެމިގެން ހިނގައިދާނެ ކަމަށް ސުވާލު އުފެދޭ ކަމަށް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ