ޢަލީ އިޙްޞާން ފިރާޤް
ދާވުދުގެފާނުގެ އަޅުކަން ކުރެއްވުން
داود عليه السّلام އަކީ ވަރަށް ގިނައިން އަޅުކަން ކުރައްވައި ރޯދަ ހިއްޕަވައި އުޅުއްވި ތަޤްވާވެރި ބޭކަލެކެވެ. އެކަލޭގެފާނުވަނީ އަޅުކަން ކުރައްވަން މިހުރާބުގެއެއް ހައްދަވައިފައެވެ. ވަރަށްގިނަ ވަގުތު އަޅުކަމުގައި މަޝްޣޫލުވެވަޑައިގެން އެތާނގައި އިންނަވައެވެ. داود عليه السّلام ގެ އަޅުވެރިކަމާއި، ތަޤްވާވެރިކަމާއި، ވަރަޢަވެރިކަމަށް މި އުންމަތުގެ ސާހިބާ صلّى اللّـه عليه وسلّم ވެސް ވަނީ ތާރީފު ކުރައްވައިފައެވެ.
ޢަބްދުﷲ ބިން ޢަމްރޫ ރަޟިޔަﷲ ޢަންހު ގެ އަރިހުން ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘު ކުރައްވައިފައިވެއެވެ.
" أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ، كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا، وَأَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ، كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ "{صحيح البخاري،كتاب أحاديث الأنبياء،بَابُ أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ، ޙަދީޘް ނަންބަރު 3420}
މާނައީ: [މާތްﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ داود عليه السّلام ހިތްޕެވި ރޯދައެވެ. އެހެނީ އެކަލޭގެފާނު ދެ ދުވަހުން އެއްދުވަހު ރޯދަފުޅަށް ހުންނަވައެވެ. މާތްﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ داود عليه السّلام ކުރެއްވި ނަމާދުފުޅެވެ. އެހެނީ އެކަލޭގެފާނު ރޭގަނޑުގެ ފުރަތަމަ ދެބައިކުޅައެއްބައިގައި އަވަހާރަފުޅުލައްޕަވައެވެ. ދެން ތެދުވެވަޑައިގެން ރޭގަނޑުގެ ތިންބައިކުޅަ ދެބައިގައި ނަމާދުފުޅު ކުރައްވައެވެ. ދެން ނަމާދު އަވަދިވެވަޑައިގެން ހަބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ.]
داود عليه السّلام ގިނަ ވަގުތު ޚާއްޞަކުރައްވައިފައިވަނީ اللّـه سبحانه وتعالى އަށް އަޅުކަންކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. އެކަލޭގެފާނު ތަސްބީޙަ ވިދާޅުވާއިރު ފަރުބަދަތަކާއި ދޫނި ސޫފާސޫފިވެސް އެކަލޭގެފާނާ ބައިވެރިވެއެވެ. އެތަކެތި އެކަލޭގެފާނާއެކު ޒަބޫރު ކިޔަވައި މާތްﷲ އަށް ތަސްބީޙަ ކިޔައެވެ. ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 79 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَفَهَّمْنَاهَا سُلَيْمَانَ ۚ وَكُلًّا آتَيْنَا حُكْمًا وَعِلْمًا ۚوَسَخَّرْنَا مَعَ دَاوُودَ الْجِبَالَ يُسَبِّحْنَ وَالطَّيْرَ ۚ وَكُنَّا فَاعِلِينَ ﴿٧٩﴾
މާނައީ: [ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ.]
މިދެންނެވި ވާހަކަ ސަބާ ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ ﴿١٠﴾
މާނައީ: [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ داود ގެފާނަށް ތިމަންރަސްކަލާނގެ حضرة ން فضل ވަންތަކަން (އެބަހީ: ނަބީކަމާއި ފޮތް) ދެއްވީމެވެ. (އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.) އޭ ފަރުބަދަތަކާއެވެ! އެކަލޭގެފާނާއެކު ތިޔަ ފަރުބަދަތައް تسبيح ކިޔާށެވެ! އަދި ދޫނިސޫފާސޫތްޕާ އެކުގައެވެ. އަދި އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ދަގަނޑު، މަޑުއެއްޗަކަށް ހެއްދެވީމެވެ.]
عبد اللّـه بن عبّاس رضى اللّـه عنه އާއި މުޖާހިދު ވިދާޅުވެފައިވެއެވެ. [اللّـه سبحانه وتعالى ، داود عليه السّلام އަށް ނުހަނު ރީތި އަޑުފުޅެއްދެއްވިއެވެ. އެކަލޭގެފާނު މާތްﷲ ގެ ކަލާމްފުޅު (ޒަބޫރު) ކިޔަވާ ވިދާޅުވާ ކޮންމެ ފަހަރަކު، މަތިން އުދުހިފައިދާ ދޫނި ސޫފާސޫފިވެސް ހުއްޓި އެކަލޭގެފާނާ ބައިވެރިވެއެވެ. އެތަކެތީގެ ފިޔަގަނޑުތައް ހުޅުވާލައިގެ މަތީގައި އުދުހިއުދުހިފައި ތަސްބީޙަ ކިޔައެވެ. ހަމައެހެންމެ ހިލަފަރުބަދަތައްވެސް އެކަލޭގެފާނާއެކު ހެނދުނާއި ހަވީރު ތަސްބީޙަކިޔައެވެ.] عبدالله بن عامر ވިދާޅުވެފައިވާކަމަށް الأوزاعي ވިދާޅުވެފައިވެއެވެ. [މާތް ﷲ سبحانه وتعالى ، داود عليه السّلام އަށް ދެއްވައިފައިވަނީ އެއްވެސް މީހަކަށް ދެއްވައިފައިނުވާ ފަދަ ރީތި އަޑުފުޅެކެވެ. އެހެންކަމުން އެކަލޭގެފާނު ޒަބޫރު ކިޔަވާ ވިދާޅުވާއިރު ދޫނިސޫފާސޫތްޕާއި ވަލުޖަނަވާރުވެސް އެކަލޭގެފާނާ ބައިވެރިވެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 304}
ޚުދު އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ވެސް داود عليه السّلام ގެ ރިވެތި އަޑުފުޅަށް ތާރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފައިވެއެވެ. އެކަލޭގެފާނުގެ ނުހަނު އިޚްލާސްތެރި ޞަޙާބީބޭކަލެއްކަމުގައިވާ އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ އަޑުފުޅު އައްސަވާފައި ޙަދީޘް ކުރެއްވިއެވެ.
[ يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ ] { صحيح البخاري، كتاب فضائل القرآن، باب حُسْنِ الصَّوْتِ بِالْقِرَاءَةِ لِلْقُرْآنِ، ޙަދީޘް ނަންބަރު 5048}
މާނައީ: [އޭ أبو موسى އެވެ. ކަލޭގެފާނަށް ވަނީ داود عليه السّلام ގެ އާލުވެރިންގެ ރިވެތި އަޑުފުޅުން ބައެއް ލިބިވަޑައިގެންފައެވެ.]
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" خُفِّفَ عَلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ الْقُرْآنُ، فَكَانَ يَأْمُرُ بِدَوَابِّهِ فَتُسْرَجُ، فَيَقْرَأُ الْقُرْآنَ قَبْلَ أَنْ تُسْرَجَ دَوَابُّهُ، وَلاَ يَأْكُلُ إِلاَّ مِنْ عَمَلِ يَدِهِ " {كتاب أحاديث الأنبياء، باب قَوْلِ اللَّهِ تَعَالَى (وَآتَيْنَا دَاوُدَ زَبُورًا)، ޙަދީޘް ނަންބަރު 3417}
މާނައީ: [ޒަބޫރު ކިޔަވާވިދާޅުވުން داود عليه السّلام އަށް ފަސޭހަކޮށްދެވުނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ސަވާރުގައި އަސްދާނުގޮނޑި ހަރުކުރުމަށް އަމަރުކުރައްވައެވެ. އެ އަސްދާނުގޮނޑި ހަރުކޮށް ނިމުމުގެ ކުރިން އެކަލޭގެފާނު ޒަބޫރު އެއްކޮޅުން އަނެއްކޮޅަށް ކިޔަވާ ވިދާޅުވެއެވެ. އަދި އެކަލޭގެފާނު އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުން ލިބިވަޑައިގަންނަވާ އެއްޗެއްމެނުވީ ފަރިއްނުކުޅުއްވައެވެ.]
داود عليه السّلام ގެ އާލުވެރިންނަށް އަރަހުށި މާތްﷲ އަންގަވައިފައިވަނީ އެކަލާނގެއަށް ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށެވެ. އެކަލާނގެއަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި އެބޭކަލުން ވެވަޑައިގަތުމަށެވެ. ކީރިތި ޤުރްއާނުގެ ސަބާ ސޫރަތުގެ 13 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
يَعْمَلُونَ لَهُ مَا يَشَاءُ مِن مَّحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَّاسِيَاتٍ ۚ اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾
މާނައީ: [އުސްވެގެންވާ ބިނާތަކާއި، ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، ހަރުލައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް އެއުރެން އެކަލޭގެފާނަށް ހަދައިދެތެވެ. އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ].
އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ވަހަބު ބިން މުނައްބިހު ވިދާޅުވެފައިވެއެވެ. ދާވޫދުގެފާނުގެ އާލުވެރިންގެ ޙިކުމަތުގެ ތެރޭގައި މިކަންތައްތައް ހިމެނެއެވެ. [ބުއްދިވެރިން ހަތަރު ވަގުތެއްގެ މަތިން ހަނދާން ނައްތައެއް ނުލާނެއެވެ. އެއީ އޭނާގެ ވެރި ރައްބަށް މުނާޖާ ދަންނަވާ ވަގުތާއި، ތިމާގެ އަޚުން ތިމާގެ ނަފްސުގައިވާ ޢައިބުތައް ކިޔާދޭ ވަގުތާއި، ތިމާގެ ނަފުސުން ޞަދަޤަތް ކުރާ ވަގުތާއި، ތިމާގެ ނަފުސަށްޓަކައި ހޭދަ ކުރާ ވަގުތެވެ. އެވަގުތު އޭނާ ހޭދަ ކުރަނީ އެކަންތައްތަކަށް އެހީތެރިވުމަށާއި، އޭނާގެ ހިތް ރިވެތި ކުރުމުގައެވެ. ބުއްދިވެރިޔާ އޭނާގެ ދޫ ރައްކާތެރިކުރާނެ ގޮތް ދަންނާނެއެވެ. އަދި ބުއްދިވެރިޔާ ތިން ކަމަކުން ރައްކާތެރި ވެގަންނާނެއެވެ. އެއީ ކާބޯތަކެތި އިތުރުކުރުމާއި، ދިރިއުޅުން ތަނަވަސް ކުރުމާއި، ޙަރާމް ކުރައްވާފައިވާ ކަންކަމަށް ބަލައި ލައްޒަތު ހޯދުމެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 315}
އަދިވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔެވިގެންވެއެވެ. ދާވޫދުގެފާނު ވިދާޅުވެފައިވެއެވެ. [މުއްސަނދި ކަމަށްފަހު ފަޤީރުކަމަށް ވުރެ ހުތުރުކަމެއް ނުވެއެވެ. ހިދާޔަތު ލިބުމަށްފަހު މަގު ފުރެދުމަށްވުރެ ހުތުރު ކަމެއް ނުވެއެވެ. ތިބާގެ ޤައުމުގެ މީހުން ތިބާއާ ބެހޭގޮތުން، ދައްކާ ނުރުހޭ ވާހަކަ ތަކަށް ބަލާށެވެ. އެއަށްފަހު އެކަންތައްތަކުން ދުރުހެލިވެގަންނާށެވެ.] އެހެން ފަހަރަކު ދާވޫދުގެފާނު ވިދާޅުވެފައިވެއެވެ. [ނުކޮށްދެވޭ ވަރުގެ ކަމެއްކޮށްދިނުމަށް ތިބާގެ އަޚާއަށް ވަޢުދު ނުވާށެވެ. އެހެނީ ހަމަކަށަވަރު އެގޮތަށް ކަންތައްކުރުމުން ދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމާއި، ރުޅިވެރިކަން އުފެދިގެންދާނެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 316}
މާލިކު ބުން ދީނާރު ވިދާޅުވިކަމަށް، އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވެއެވެ. [ޤިޔާމަތް ދުވަހުގައި މާތްﷲ ޢަރުޝުގެ ކައިރީގައި ދާވުދުގެފާނު ހުއްޓިވަޑައިގެން ހުންނަވާނެއެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ވަޙީ ކުރައްވާނެއެވެ. [އޭ ދާވުދުގެފާނެވެ. ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ދެއްވާއިވާ ފުރިހަމަ އަޑުފުޅުން ދުނިޔެމަތީގައި ތިމަން ރަސްކަލާނގެ މަތިވެރި ކުރެއްވި ފަދައިން މިއަދު ތިމަން ރަސްކަލާނގެ މަތިވެރި ކުރައްވާށެވެ.] ދާވުދުގެފާނު ދަންނަވާނެއެވެ. [އެއީ ކިހިކަނުންތޯއެވެ. މިހާރު އިބަރަސްކަލާނގެ އެ ނިޢުމަތް ގެންދަވާފެއެވެ.] މާތްﷲ ވަޙީ ކުރައްވާނެއެވެ. [މިއަދު ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ރީތި އަޑުފުޅު ރައްދު ކޮށްދެއްވާނަމެވެ.] ދެން ދާވުދުގެފާނު އެކަލޭގެފާނުގެ އަޑުފުޅު އުފުއްލަވައި ސުވަރުގޭގެ އަހުލުވެރީންގެ ނިޢުމަތެއް ކަމުގައި ހައްދަވާނެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 313}
އެއްފަހަރަކު މީހަކު އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހަށް އައިސް ރޯދަޔާއި ބެހޭގޮތުން ސުވާލު ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. [ކަލޭ ބޭނުން ނަމަ ދާވޫދުގެފާނުގެ ރޯދާ ހިއްޕެވިގޮތް ބުނެދީފާނަމެވެ. އެކަލޭގެފާނު އެއްދުވަހު ރޯދަ ހިއްޕަވައި އަނެއް ދުވަހު ރޯދަ ދޫކޮށް ލައްވައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވައިފައިވެއެވެ. [އެންމެ ފުރިހަމަ ރޯދަ އަކީ ދާވޫދުގެފާނުގެ ރޯދައެވެ.] އެކަލޭގެފާނު ޒަބޫރު ސާޅިސް އަޑުފުޅުން ކިޔަވައި ވިދާޅުވެއެވެ. އެކަލޭގެފާނު ކޮންމެ ރެއަކު ދެ ރަކްޢަތް ނަމާދެއް ކުރައްވައެވެ. އެ ނަމާދުގައި އެކަލޭގެފާނު ކީރިތި ކުރައްވާ ހައްދަވައެވެ.
ކަލޭ ބޭނުން ނަމަ ސުލައިމާނުގެފާނު ރޯދަ ހިއްޕެވިފަދައިން ރޯދާ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ފުރަތަމަ ތިން ދުވަހު ރޯދަ ހިއްޕަވައެވެ. އަދި މަހުގެ ފަހުކޮޅުގައި ތިން ދުވަހު ރޯދައަށް ހުންނަވައެވެ. މަސް ފައްޓަވަނީ ރޯދަ ހިއްޕެވުމުންނެވެ. މަސް ނިންމަވާ ލައްވަނީ ރޯދަ ހިއްޕެވުމަކުންނެވެ.
ކަލޭ ބޭނުން ނަމަ،ޢީސާގެފާނު ރޯދަ ހިއްޕެވި ގޮތަށް ތިބާ ރޯދަ ހިފާށެވެ. އެކަލޭގެފާނު މުޅި އަހަރު ދުވަހު ރޯދަ ހިއްޕެވިއެވެ. ކަލޭ ބޭނުން ނަމަ، މަރްޔަމުގެފާނު ރޯދަ ހިއްޕެވި ގޮތަށް ތިބާ ރޯދަ ހިފާށެވެ. އެކަމަނާ އެއް ދުވަހު ރޯދަ ހިއްޕަވައި، ދެ ދުވަހު ރޯދަ ދޫކޮށްލައްވައެވެ. ނުވަތަ ކަލޭ ބޭނުން ނަމަ، މާތް ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕެވި ގޮތަށް ރޯދަ ހިފާށެވެ. އެކަލޭގެފާނު ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިއްޕެވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 317-318
(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)
ފަށްކުރުމެއް-: ދާވުދުގެފާނުގެ ވާހަކަ -2: އަޅުކަން ކުރެއްވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ