ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ތާހިރުކޮށް: ގާސިމް

އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ގަބޫލުނުކުރުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ތާހިރުކޮށް ކަމަށް ކޮށްދެއްވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ރައީސް މުއިއްޒު އެއްވެސް ބޭފުޅަކާއި މެދު ކުޑައިމީސް ބަހެއް ވިދާޅުވި އަޑެއް ނާހާ ކަމަށާއި ސިޔާސީ ގޮތުން އެއްވެސް މީހަކު ދަމާ ހައްޔަރުކުރިތަން ވެސް ފެނިފައި ނުވާއިރު، ސުޕްރީމް ކޯޓުގައި ތަޅު އެޅުވިތަން ވެސް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް މީގެކުރިން ވެރިކަން ކުރި ފަރާތްތަކުން މި ކަންކަން މިގޮތަށް ކޮށްފައި އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ މަނިކުފާނަށް ވުރެ ތާހިރުކޮށް އަދި މިހާތަނަށް ވެރިކަން ކުރައްވަން އެއްވެސް ބޭފުޅަކު 2008ގެ ފަހުން ނާދެއޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ "ފީކަޅާ" ވާހަކަތަކާއި މެދު ރައްޔިތުން ހޭއަރާ ތިބެންޖެހޭ ކަމަށާއި އެފަދަ ވާހަކަތަކައް ގަބޫލުކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ވަޒީރުންނާއި ސަލާމަތީ ބާރުތަކުން ވެސް ތަފާތު ހިޔާލުތައް ނުގެންގުޅުމަށާއި ގައުމު ސަލާމަތްކޮށްދިނުމަކީ މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ހުރިހާ ފަރާތްތަކެއްގެ ވެސް ޒިންމާއެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް އެއްވެސް ރަށެއްގެ ރައްޔިތުން ގަބޫލުފުޅު ނުކުރައްވާތި ރައީސް މުއިއްޒު ވޯޓު ހޯއްދެވުމުގެ ބޭނުމުގައި އިތުރުފުޅު ހައްދަވަނީ ކަމަށް. އެމަނިކުފާނުގެ އިހުލާސްތެރި ނިޔަތް، ކަންތައްތައް ކޮށްދިނުމުގެ ރޫހު އޮތީމަ އެކަން ކޮށްދޭނަމޭ ވިދާޅުވަނީ،" ގާސިމް ވިދާޅުވި އެވެ.
އަދި ފައިސާ ލިބުނު މިންވަރަކުން ރައީސް މުއިއްޒު މިހާރުވެސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވަމުންދާ ކަމަށާއި "ވާން ނެތް މިންވަރު ވެސް" ކޮށްދެއްވަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވާން އޮތް ގޮތަކުން އަދި އިތުރަށް ޓެކްސް ނަންގަވައިގެން ވިޔަސް، އެހެން ކަމެއް ކޮށްގެންވިޔަސް ކޮށްދެވޭތޯ ބައްލަވަނީ އެހެންވެގެން،" ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވަނީ އިސްލާމްދީނުގެ ހަމަތަކާއި ހިލާފަށް ހުރި ގާނޫނުތައް އިސްލާހުކުރެއްވުމަށް ވެސް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ. އަދި މި ގައުމު ހަމަ މަގަށް އަޅުވައި، ތެދުވެރިކަމާއެކު ކުރިއަށް ގެންދަން ބޭނުންވާނަމަ އެހެން އިތުރު ޗޮއިސެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ