ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރު ކުރެވޭ ޓެކްނޮލޮޖީ ތަރައްގީކޮށް، އާ މޯޑެއް ނެރެފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އެންމެ ކުރީގައި އުޅޭ ކުންފުނި ކަމަށްވާ އޯޕަންއޭއައި އިން، އެ ކުންފުނީގެ މަޝްހޫރު ޗެޓްބޮޓް 'ޗެޓްޖީޕީޓީ' އަށް ޚާއްސަ 'އެޑަލްޓް މޯޑު' އެއް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އޯޕަންއޭއައިގެ އެޕްލިކޭޝަންސްގެ ސީއީއޯ ފިޖީ ސިމޯ މައުލޫމާތު ދެއްވި ގޮތުގައި، މި އައު މޯޑު ނެރުމުގެ މަސައްކަތް ކުރިއަށްދަނީ، މީގެ ކުރިން ނެރުނު ޖީޕީޓީ-5 ގެ ސަބަބުން ޗެޓްބޮޓްގެ ޝަޚްސިއްޔަތު ކުޑަވެ، މާ ބޮޑަށް ރޮބޮޓިކް ވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާކޮށްފައިވާތީއެވެ. އަދި މިއީ ކުންފުނީގެ ސީއީއޯ ސެމް އޯލްޓްމަން، ޗެޓްބޮޓް ބޭނުންކުރާ ފަރާތްތަކަށް ވީހާވެސް ބޮޑު މިނިވަންކަމެއް ދިނުމަށް ކުރިން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރެވޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި 'އެޑަލްޓް މޯޑު' ގެ މައިގަނޑު މަގުސަދަކީ 18 އަހަރުން މަތީގެ މީހުންނަށް ޗެޓްބޮޓާ މުޢާމަލާތުކުރުމުގައި އިތުރު މިނިވަންކަން ދިނުމެވެ. މިގޮތުން ޗެޓްބޮޓަށް ވަކި ޚާއްސަ ޝަޚްސިއްޔަތެއް ދިނުމާއި، ވާހަކަ ދައްކާ މިންވަރާއި އުސޫލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. https://sun.mv/214702 މިއީ ބޮޑެތި މީހުންނަށް ޚާއްސަ ފީޗާއެއް ކަމަށްވާތީ، ޅަ ކުދިންނަށް މި މޯޑަށް ވަނުމުގެ ފުރުސަތު ނުދިނުމަށްޓަކައި އޯޕަންއޭއައި އިން ދަނީ "އޭޖް ވެރިފިކޭޝަން" ނުވަތަ އުމުރު ކަށަވަރުކުރާ ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރަމުންނެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ ކޮންޓެންޓް ފެނުމުން ރައްކާތެރިކޮށްދޭނެ ކަމަށް އެ ކުންފުނިން އުއްމީދުކުރެއެވެ. ނަމަވެސް، މިފަދަ މޯޑެއް ނެރުމަކީ ނަފްސާނީ ގޮތުން ނުރައްކާތެރި ކަމަކަށް ވެދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާޅުވެފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ޗެޓްބޮޓްތަކާ ގާތް ގުޅުމެއް ބާއްވައި، އެ ޗެޓްބޮޓްގެ "ފޭކު ޝަޚްސިއްޔަތަށް" އިޙްސާސީ ގޮތުން ބަރޯސާވާ މީހުންނަށް ނަފުސާނީ ދަތިކަން (ސައިކޮލޮޖިކަލް ޑިސްޓްރެސް) އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ޚާއްސަކޮށް ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސްކުރާ މީހުން، ޗެޓްބޮޓްތަކަށް އިތުރަށް ބަރޯސާވާކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ. މިކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ، ޓެކްނޮލޮޖީގެ ސަބަބުން ދިމާވެދާނެ އިޖުތިމާޢީ އަދި ނަފުސާނީ މައްސަލަތަކުގެ ޒިންމާ އޯޕަންއޭއައި އިން ނަގަންޖެހޭނެ ކަމަށާއި، ހަމައެކަނި ބޭނުންކުރާ ފަރާތްތަކުގެ ބޮލުގައި އެ ޒިންމާ އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ