ރަށްރަށުގައި 4،100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާންތައް ބާތިލުކޮށްފި
އަތޮޅު ތެރޭގެ 57 ރަށެއްގައި ހަތަރުހާހެއްހައި ހައުސިން ޔުނިޓު ތަރައްގީކުރުމަށް، އެ ކަން ކޮށްދޭނެ ފަރާތްތައް ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނު މިއަދު ބާތިލްކޮށްފިއެވެ. ޖުމްލަ 4،100 ހައުސިން ޔުނިޓު، 57 ރަށެއްގައި އަޅަން ޕްރީކޮލިފިކޭޝަންއަށް ހުށަހަޅަން އިއުލާނުކުރީ މި އަހަރުގެ މޭމަހުގެ ތެރޭގައެވެ. ނަމަވެސް މިއަދު ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެދުމުގެ މަތީން، އެ އިއުލާނު ބާތިލްކޮށްފައިވާ ކަމަށެވެ. މި ކަަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން "ސަން"އަށް ބުނީ ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ޓަކައި ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު ދިން ނަމަވެސް، މީގެ ތެރެއިން ގިނަ ރަށްރަށުގައި ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާތީއާއި ކޮލިފިކޭޝަން ކްރައިޓީރިއާ ހަމަނުވާތީ، ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު ބާޠިލުކުރުމަށް ނިންމީ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި ކޮލިފިކޭޝަން ކުރައިޓީރިއާ އަލުން ރިވިއު ކުރުމަށްފަހު ސަރުކާރުން ކަނޑައަޅާ ރަށްރަށުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް 2026ވަނަ އަހަރު ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ. https://sun.mv/214963 މި އަހަރުގެ ބަޖެޓު މި ސަރުކާރުން ސިފަކުރީ ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ. ނަމަވެސް އަހަރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި އޮތްއިރު އަދި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި، ގެދޮރުވެރިކަމާ ގުޅުންހުރި މަޝްރޫއުތަކަށް އޮތީ 1.8 ބިލިއަން ރުފިޔާ ހިމަނައިފައެވެ. ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތްވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އޭގެ ތެރެއިން، މިދިޔަ މަހުގެ 27އާ ހަމައަށް ހޭދަކޮށްފައިވަނީ 183.9 މިލިއަނުގެ ކުޑަ އަދަދެެކެވެ. އެއީ ބަޖެޓުކުރި އަދަދުގެ 10 ޕަސެންޓް ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 74.8 ޕަސެންޓް ދަށް އަދަދެކެވެ. އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ބަޖެޓްގެ ބޮޑު ބައެއް އޮތީ ބޭނުން ނުކޮށްކަން ފިނޭންސްގެ ހިސާބުތަކުން އެނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ