މިއަދުގެ މޫސުން: އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވޭ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މީގެ ހަފުތާއެއްހާ ދުވަސްކުރިންވެސް ބުނެފައިވަނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކުރެވެނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.
ޢީދު ބަންދަށް މޫސުން ލަފާކުރެވޭގޮތާ ގުޅޭގޮތުން "ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ، މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރުކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ވިއްސާރައެވެ. މެއިމަހުގެ ކުރީކޮޅު ރާއްޖެއަށް ހުޅަނގުމޫސުންވަނީ ލައިގެންފައެވެ. މިހާރު ރާއްޖޭގެ މޫސުން އެންމެ ގޯހީ އުތުރާއި މެދުރާއްޖެތެރެއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ